ޕްރިންސިޕަލުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ދޭ 20 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ނިއަލަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލި މި ފުރުސަތުގެ ދަށުން، ސްކޫލް އެޑްމިނިސްޓްރޭޝަން / އެޑިއުކޭޝަން މެނޭޖްމަންޓް ދާއިރާ އިން މާސްޓަރސް ޑިގްރީއެއް ހާސިލްކުރެވޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިޢުލާނެއްގައި ވަނީ މިކަމަށް އެދި ހުށައެޅޭނެ ޝަރުތުތަކެއް ބަޔާންކޮށްފައެވެ. އެގޮތުން، ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި ޓީޗަރެއްގެ ގޮތުގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.

އަދި އެޑިއުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާ ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސްކޮލަރޝިޕަށް އެދިހުށަހަޅާ ނަމަ ސްކޮލަރޝިޕަށް އެދިހުށަހަޅާ ފޯމާއި ތަޢުލީމީ ސަނަދުތަކުގެ ކޮޕީ އަދި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގެ އިތުރުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (2 ފުށް ފެންނަގޮތަށް) ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅާނީ އެކަމަށް ހާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް [email protected] އީމެއިލް ކޮށްގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފޯމު ގެޒެތް ކުރެވިފައިވާ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.