އަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކްލަބް އީގަލްސް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މީގެކުރިން ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ކުޅުންތެރިންތަކެއްގެ އިތުރުން، ޒުވާން އައު ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފިއެވެ.
އެގޮތުން އިބްރާހިމް މައިސާން (މައި) ވަނީ މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަނުގެ ބުރު ސްޕޯޓްސް ކްލަބްގެ ކެޕްޓަންކަން ކޮށްފައެވެ. އަދި މައި އަކީ ކުރިން ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. އދ. މާމިގިއްޔަށް އުފަން މައި އަކީ ފުލްބެކަށް އަދި މެދުތެރެއަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ.
ދެން އީގަލްސް އަށް ސޮއިކުރި ރ. އަލިފުއްޓަށް އުފަން އަހުމަދު ވިޖުދާން (ވިޖޫ) މިދިޔަ ސީޒަނުގައި ފެނުނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ. އޭނާ ވަނީ އެ ޓީމުގެ ކެޕްޓަންކަން ވެސް ގިނަ މެޗުތަކެއްގައި ކޮށްފަ އެވެ. ވިޖުދާން ވަނީ ފުރަތަމަ ޑިވިޝަނުގައި ށ.ފޯކައިދޫ ޓީމަށް ވެސް ކުޅެފަ އެވެ. އަދި މީގެކުރިން ވިޖޫ ވަނީ ޔޫތު ޗެމްޕިއަންޝިޕްގައި ކްލަބް އީގަލްސް އަށްވެސް ކުޅެފައެވެ.
މީގެއިތުރުން އީގަލްސް އިން ދެން ސޮއިކުރި، ތ. ތިމަރަފުށްޓައް އުފަން ޒިޔާން އަކީ މީގެ ކުރިން ބީޖީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިއެކެވެ. އޭރު އޭނާ ބީޖީ އަށް ކުޅުނުއިރު، އެ ޓީމުގެ ހެޑް ކޯޗަކަށް ހުރީ މިހާރު އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެެވެ. އޭގެ ފަހުން އޭނާ ވަނީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި ތ. ތިމަރަފުށީ ޓީމަށް ވެސް ކުޅެފަ އެވެ.
މޭޖަރ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިންތަކެއްގެ އިތުރުން އީގަލްސް އިންވަނީ ޓްރަޔަލްތަކެއް ބާއްވާ، ޒުވާން އައު ކުޅުންތެރިންތަކެއް ޓީމަށް ނަގާ، އޭގެތެރެއިން ބައެއް ކުޅުންތެރިންނާއެކު ކޮންޓްރެކްޓުވެސް ހަދާފައެވެ. އީގަލްސް އިން ކޮންޓްރެކްޓް ދިން ޒުވާން ކުޅުންތެރިންގެ ތެރޭގައި ސ. ހިތަދޫ ހުސެއިން ޒައިން ހަނީފް އާއި އދ. މާމިގިލީގެ އިސްމާއިލް ސައިފް (ސައިއްޓެ) ހިމެނެ އެވެ.