ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ވޯކްސޮޕެއް ފަށައިފިއެވެ.

ފުލުހުން ބުނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު 2020/34 ގެ ހަތް ވަނަ މައްދާގައިވާ ގޮތުގެ މަތިން، ކައުންސިލްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމަށް، މަޝްވަރާކުރުމަށް ވޯކްޝޮޕެއް މިއަދު ފަށާފައިވާ ކަމަށެވެ.

މި ވޯކްޝޮޕްގައި، ފުލުހުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުން، ވޯކްޝޮޕްގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވިގެންދާނެ ކަމަށެވެ. އަދި މަޝްވަރާ ކުރެވުނު ކަންކަމުގެ މައްޗަށް އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފުލުހުންގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓު ތަކުން ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފޮޓޯ: ޕޮލިސް

ފުލުހުންގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކާއި ފަސް ރީޖަންގެ ކޮމާންޑަރުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ކައުންސިލްތަކާ އަދި ޖަމުއިއްޔާތައް ހިމެނޭހެން 35 ބައިވެރިންނާއެކު ދެ ދުވަހުގެ މުއްދަތަށް މި ވޯކްޝޮޕް ކުރިއަށް ގެންދާނެއެވެ.

ފޮޓޯ: ޕޮލިސް

ފުލުހުންގެ ހިދުމަތް ލާމަރުކަޒީކޮށް ދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ފުލުހުންގެ ހިދުމަތް ދޭންވާނީ ލާމަރުކަޒީ ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާއާ އެއްގޮތަށް، އެ ހިދުމަތެއް ދެވޭ ސަރަހައްދެއްގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ ބައިވެރިވުން ލިބޭނެފަދަ ގޮތަކަށް ކަމުގައި، އެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އަދި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަގުސަދު ހާސިލުކުރުމަށްޓަކައި، ގާނޫނުގެ ހަ ވަނަ މާއްދާގެ ދަށުން، ކަނޑައެޅޭ ސަރަހައްދުތަކުގައި ގާއިމުކުރެވޭ ފުލުހުންގެ މަރުކަޒުތައް މެދުވެރިކޮށް އަންނަނިވި ކަންކަން ކުރަންވާނެ ކަމަށް އެ މައްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ރައްޔިތުންނާއި، ކައުންސިލުތަކާއި މަދަނީ ޖަމުއިއްޔާތަކާއި، ދައުލަތުގެ އިދާރާތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި ފުލުހުންގެ މަސައްކަތަށް ހޯދުމަށްޓަކައި ހަރަކާތްތައް ރާވައި ހިންގުމާއި، އިސްކަންދީގެން މަސައްކަތްކުރާނެ ކަންތައްތަކުގެ ތާވަލެއް ނުވަތަ ޕްލޭނެއް، ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކޮށް އެކުލަވާލައި ހިންގުމާ އަދި ކައުންސިލާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާނެ ގޮތުގެ އޮނިގަނޑެއް ކައުންސިލްތަކުގެ މަޝްވަރާގެ މަތިން ފުލުހުން އެކުލަވާލައި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.