ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަމުންދާ ވެކްސިންގެ ތެރެއިން މިވަގުތު ރާއްޖޭގައި ހުރި ފައިޒަރ ވެކްސިންގެ މުއްދަތު ހަމަވާ ތާރީޚް 9 މަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ، ފައިޒަރ ވެކްސިންގެ އެކްސްޕަޔރީ ޑޭޓް އިތުރުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މައުލޫމާތު ދީފައިވާ ކަމަށާއި، ވެކްސިން ޓެސްޓު ކުރުމަށްފަހު ޑަބްލިއުއެޗްއޯއިން އެކަމާ ގުޅޭ ތަހުލީލުތައް ހަދަމުންދާ ކަމަށެވެ.

މީގެކުރިން ފައިޒަރގެ އެކްސްޕަޔަރީ ޑޭޓަކީ 6 މަސް ދުވަސް ކަމަށް ޑްބލިއުއެޗްއޯއިން ކަނޑައަޅާފައިވެއެވެ.

ފައިޒަރ ވެކްސިންގެ އެކްސްޕަޔަރީ 9 މަސް ދުވަހަށް ރަސްމީކޮށް އިތުރުކޮށްފައިވަނީ 9 މަސް ވަންދެން ވެކްސިން ބެހެއްޓުމަށްފަހު ޓެސްޓު ކުރިއިރުވެސް އޭގެ ބާރު ހުރިކަން ފާހަގަވާތީ ކަމަށް ގުރައިޝާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު ހުރި ވެކްސިން ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ގުރައިޝާ ވިދާޅުވިއެވެ.

ވެކްސިންގެ އެކްސްޕަޔަރީއަކީ އެބޭފުޅުން ޓެސްޓްކުރުމަށްފަހު މިހާރުވެސް ރިސާޗް ހަދަމުންދާ އެއްޗަކަށް ވާތީވެ ކުރިން އިންނަނީ 6 މަސް ދުވަސް. އެހެންނަމަވެސް 9 މަސް ދުވަހު ބެހެއްޓުމަށްފަހު ޓެސްޓްކުރީރުވެސް އޭގެ އެފިކަސީ އަދި އެފެޝިއެންސީ އަދި އޭގެ އެފެކްޓިވްނެސް ހުރިކަން ފާހަގަކުރެވޭތީ އަންގާފަ މިވަނީ މިހާރު އަޅުގަނޑުމެން އަތުގައި މިހުރި ފައިޒަރ ވެކްސިން ފެބްރުއަރީގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް.
ހައްވާ ގުރައިޝާ

މީގެއިތުރުން، ފައިޒަރ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗްޕީއޭއިން ވަނީ ހުޅުވާލާފައެވެ. މިވަގުތު ބޫސްޓަރ ޝޮޓް ދޭން ނިންމާފައިވަނީ ފައިޒަރ ވެކްސިނުން އެކަންޏެވެ.

އެޗްއީއޯސީން ބުނި ގޮތުގައި ފައިޒަރގެ ބޫސްޓަރ ޝޮޓް ދޭން ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުން އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުންނެވެ.

ބޫސްޓަރ ޝޮޓް ޖަހައިދޭނީ ކޮވިޑް-19ގެ ވެކްސިންގެ ދެ ޑޯޒް ޖެހިފަހުން 6 މަސް ދުވަސް ވެފައިވާ މީހުންނަށެވެ.