ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަހްމަދު ރިޒާ (ތަރަބޫޒު ރިޒާ) ނިޔާވެއްޖެއެވެ.

ރިޒާ ނިޔާވެފައިވަނީ މިއަދު މެންދުރު 1:52 ހާއިރު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ރިޒާގެ ދަރިފުޅު ހަސަން ރިއްފާން ވީނިއުސް އަށް މައުލޫމާތު ދެމުން ބުނީ ބައްޕަ ނިޔާވެފައިވަނީ ގާތްގަނޑަކަށް 17 ވަރަކަށް އަހަރު ބަލި އެނދުގައި އޮންނެވެމަށްފަހުގައި ކަމަށެވެ. ހިތުގެ ބަލިން ފެށުނު ބަލިމަޑުކަން ފަހުން ވަނީ ކިޑްނީ، ލިވަރ އަދި ފުއްޕާމޭގެ މައްސަލަތަކަށްވެސް ބޭސްކުރަން ފަށާފައިކަމަށް ރިއްފާނު މައުލޫމާތުދެއެވެ.

ރިޒާ ނިޔާވެފައިވަނީ 2 މަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލިތާ މަސް ދުވަސް ފަހުން އަނެއްކާވެސް ރޭގެ ވަގުތެއްގައި ހާލުދެރަވެ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ރިއްފާން މައުލޫމާތުދެއެވެ.

"ރޭގެ މެންދަމު 02:15 ހާއިރު ބައްޕަ ފުރަތަމަ އޮތީ ދައްތަ އަތްމަތީ، އެއަށްފަހު މަންމައަށް ގޮވާލުމުން ދައްތަ، މަންމަގެ އަތްމަޗަށް ލުމުން މަންމަގެ ނަމުން ގޮވާލުމަށް ފަހު އެ ހޭހުސްވީ. އެއަށްފަހު މަންމަ ވަނީ ބައްޕައަށް ޝާހަދަތްވެސް ލައިދީފަ."
ރިއްފާން

ރިޒާ ނިޔާވި އިރު ރިޒާއަށް ބައްޕަ ކިޔާ 6 ކުދިން ދުނިޔޭގައި އެބަތިއްބެވެ. އެއީ 4 އަންހެން ކުދިންނާއި 2 ފިރިހެން ކުދިންނެވެ.

ރިޒާ ނިޔާވި އިރު އުމުރަކީ 67 އަހަރެވެ. ރިޒާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

ރިޒާ އަކީ ބޮޑުބެރު ޖެހުމާއި ލަވަކިޔުމުގެ ދާއިރާގައި މަޝްހޫރު ފަންނާނެކެވެ. ރިޒާ އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އަމިއްލަ ގޭގައި ބޭންޑެއް ހައްދަވައިގެން ރާއްޖޭގައި އެކި ތަންތަނުގައި ޝޯތައް ބާއްވާފައިވާ މަޝްހޫރު ފަންނާނެކެވެ.

ޚާއްސަގޮތެއްގައި ޚިތާނީ ހަފްލާތަކުގައި ރިޒާގެ ހުނަރުވެރި މަސައްކަތް ފާހަގަކޮށްލެވެއެވެ. ރިޒާ ވަނީ މީގެކުރިން އޭނާގެ އަމިއްލަ ގޭގައި މިއުޒިކް ސްޓޫޑިއޯއެއް ހަދައި އެތަނުގެ ލަވަ ރެކޯޑްކޮށް އަލްބަމް ނެރެފައިވެއެވެ. އެސްޓޫޑިއޯ އަކީ އޭރު ވަރަށް ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިން ވެސް ބޭނުންކުރި ތަނެކެވެ.

އޭނާއަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ މެޗުތަކުގައި ލައިންސްމަންކަންވެސް ކުރި މީހެކެވެ. މީގެއިތުރުންވެސް ރިޒާއަކީ ރާއްޖޭގައި އުފެދުނު ރެފްރީންތަކުގެ ތެރެއިން ފާގަކޮށްލެވޭ ކުޅަދާނަ މޮޅު ރެފްރީއެކެވެ. ކުޅިވަރުގެ ދާއިރާއަށް ބަލާއިރު ރިޒާ އަކީ 1980ގެ އަހަރުތަކާއި 1990ގެ އަހަރުތަކުގައި ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ މެޗުގައި ރޮނގު ބެލެހެއްޓި ލައިންސްމަނެކެވެ.

އަދި ދެވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަނުގެ މެޗުތަކާއި އަތޮޅު ފުޓްބޯޅަ މުބާރާތުގައި ރެފްރީކަން ވެސް އޭނާ ކުރިއެވެ.ރިޒާ ވަނީ ޤައުމީ ފެންވަރުގައި ފުޓްބޯޅަ އާއި ހޮކީ ވެސް ކުޅެފައެވެ. ރިޒާ އަކީ 1968، 1969 އަދި 1970 ގައި ހޮކީ ތަށި މިލްކުކުރި ރޭޑިއަންޓް ކްލަބުގެ ކުޅުންތެރިއެއް ވެސް މެއެވެ.