20 އަހަރުން ދަށުގެ އުންމީދީ 3 ކުޅުންތެރިއަކު ހިމަނާ، އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބާއްވާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އެކުލަވާލައިފިއެވެ.

ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ރާއްޖެ ޓީމު ނުކުންނާނީ، ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ގެ އިރުޝާދުގެ ދަށުންނެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހެޑް ކޯޗުގެ މަގާމު ކާއްޓޭ އަދާކޮށްފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމުން މީގެ ކުރިންވެސް ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައެވެ.

15 ކުޅުންތެރިންގެ ފައިނަލް ސްކޮޑެއް އެކުލަވާލާ މުބާރާތުގެ ފަހުގެ ތައްޔާރީތައް ގައުމީ ޓީމުން ވަމުންދާއިރު، އެންމެފުރަތަމަ ފަރިތަކުރުންތައް ފަށާފައިވަނީ 21 ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ. 15 ކުޅުންތެރިންގެ ސްކޮޑުގައި އެންމެ ފާހަގަކޮށްލަންޖެހޭ ކަމަކީ، 20 އަހަރުން ދަށުގެ ތިން ކުޅުންތެރިން ހިމަނާފައިވުމެވެ.

އެގޮތުން އެންމެ ހަގު ކުޅުންތެރިއެއްގެ ގޮތުގައި ހިމަނާފައިވަނީ އުމުރުން 17 އަހަރުގެ، ތ. މަޑިފުށި، މާއިޝް އަހްމަދު އެވެ. ދެން ސްކޮޑުގައި ހިމެނި ޒުވާން ކުޅުންތެރިންނަކީ އުމުރުން 19 އަހަރުގެ އަޙްމަދު ނާފިއު އަދި އުމުރުން 20 އަހަރުގެ ޝާމިލް މުޙައްމަދެވެ. މި ތިން ކުޅުންތެރިންނަކީވެސް ގައުމީ ސްކޮޑުގައި މުޅިން އަލަށް ހިމެނުނު ތިން ކުޅުންތެރިންނެވެ.

މި ތިން ކުޅުންތެރިންނަކީވެސް ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި ރަންވަނަތަކެއް ހޯދާފައިވާ ތިން ކުޅުންތެރިންނެވެ. އެގޮތުން މާއިޝް ވަނީ އޭނާގެ ޕާޓްނަރު، ހައިލަމް ހަސަން އާއިއެކު މުބާރާތުގެ ފިރިހެން ޑިވިޝަންގެ 19 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ޝާމިލް އާއި ނާފިއުގެ ޕެއާއިން ވަނީ މުބާރާތުގެ 23 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެހެންކަމުން މި ތިންކުޅުންތެރިންނަކީ ވޮލީ އިން ރާއްޖޭގައި ވިދާލާނެ ކުޅުންތެރިންތަކެއްކަމަށް، ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކާއްޓޭގެ އިރުޝާދުގެ ދަށުން ގައުމީ ސްކޮޑު ފައިނަލްކުރިއިރު، ވީއޭއެމުގެ ޓެކްނިކަލް ކޮމިޓީން މީގެ ކުރިން ވަނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ނެގުމުގައި އުސޫލުތަކެއް ކަނޑައަޅާފައެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ ސްކޮޑުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ސެންޓްރަލް ޒޯން މުބާރާތަށް 12 ކުޅުންތެރިންގެ ސްކޮޑެއް ދާއިރު، މުބާރާތަށް ތައްޔާރުވާން ބަހްރޭނުގައި ކުރާ ކޭމްޕުގައި ބައިވެރިވާނީ މި ފަހަރު އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ. ސެންޓްރޯލް ޒޯނުގެ ކުރިން ބަހްރޭނުގައި ރާއްޖޭގެ ވޮލީބޯޅަ ޓީމުތައް ކޭމްޕުކުރާއިރު، މިއީ ދާދި ފަހުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ބަހްރޭނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ލިބުނު ފުރުސަތެކެވެ.

އަންނަ މަހު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގާޅުގައި ބާއްވާއިރު، މި މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ނޭޕާލާއި، ސްރީ ލަންކާ އާއި، އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. މީގެ ކުރިން މި އަހަރުގެ ސެންޓްރަލް ޒޯން ފިރިހެން ވޮލީބޯޅަ މުބާރާތްތައް ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައި އޮތްއިރު، ރާއްޖެ ވާދަކުރަން އޮތީ ދެކުނު އޭޝިއާގެ މުބާރާތުގައެވެ. އެކަމަކު އެ ތިން މުބާރާތުގެ ބަދަލުގައި އެއް މުބާރާތް ބާއްވަން ނިންމުމާއެކު، މި ފަހަރުގެ މުބާރާތުގައި ލަންކާ އާއި އުޒްބެކިސްތާން ފަދަ ވަރުގަދަ ގައުމުތަކާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭނެއެވެ.

މީގެ އިތުރުން އަންނަ މަހު ސެންޓްރަލް ޒޯނުގެ އަންހެން ވޮލީބޯޅަ މުބާރާތްވެސް ބަންގާޅުގައި ބާއްވާއިރު، އެ މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި، ކިރްގިސްތާނާއި، ނޭޕާލް އުޒްބެކިސްތާން އަދި ބަންގްލަދޭޝެވެ. އެ މުބާރާތާ ގައުމީ އަންހެން ވޮލީ ޓީމު ކުރިމަތިލާނީ މުމްތާޒް އަލީ (މުންތޭ) ގެ އިރުޝާދުގެ ދަށުންނެވެ.