ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިނާޔަތުގެ ގޮތުގައި ސަރުކާރުން ދޭ ފައިސާގެ އަދަދު ބޮޑު ކޮށްދޭން އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވާން ފަށައިފިއެވެ.
މި ޕެޓިޝަންގައި ސޮއިކުރުމުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ނާހިލް ވީނިއުސްއަށް މައުލޫމާތު ދެމުން ބުނީ ރައީސަށް މި ޕެޓިޝަން ހުށަހެމުގެ ކަންތައްތަކުގައި އިސްކޮށް އުޅެނީ ހއ. އިހަވަންދޫގެ ޚާއްސަ އެހީ އަށް ބޭނުންވާ ތިން ޒުވާނެއް ކަމަށެވެ.
ނާހިލް ބުނީ މި ޕެޓިޝަންގައި ސޮއިކުރުން ކުރިއަށްދަނީ އެއްވެސް ޖަމުއިއްޔާ ޖަމާއަތާއި ގުޅިގެން ނޫންކަމަށެވެ.
މިހާތަނަށް މި ޕެޓިޝަންގައި 5000 މީހުން ސޮއިކޮށްފައިވާ ކަމަށްވެސް ނާހިލް ވަނީ ބުނެފައެވެ. ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ދަނީ ސޯޝަލް މީޑިއާ ގްލޯބަލް ފޯރމެއްގައި ކަމަށްވެސް ނާހިލް މައުލޫމާތުދެއެވެ.
ނާހިލް ބުނީ ރައީސް ސޯލިހަށް ޕެޓިޝަން ހުށަހަޅަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދުވަސް ފާހަގަ ކުރަން އަންނަ މަހު ރައީސް ސޯލިހް އިހަވަންދޫ އަށް ވަޑައިގަތުމުން ސީދާ އެމަނިކުފާނަށް ކަމަށެވެ.
މި ޕެޓިޝަނުގައި ބުނެފައި ވަނީ ޙާއްސަ އެހީއަށް މިހާރު ދެމުން އަންނަ 2،000ރ. ގެ އިނާޔަތަކީ މިހާރު ރާއްޖޭގެ ހިދުމަތްތަކާއި ތަކެތީގެ އަގާ އަޅާބަލާއިރު އެކަށީގެންވާ ވަރެއް ނޫން ކަމަށެވެ. އާންމު ދިރިއުޅުމުގެ މިންގަނޑުން ބަލާއިރު ވެސް، ކެއިންބުއިމާއި އެ ނޫން ވެސް ޒަރޫރީ ބޭނުންތައް މިހާރު ކަނޑައަޅާފައިވާ މާލީ އިނާޔަތުން ނުފުދޭ ކަމަށް ޕެޓިޝަނުގައިވެއެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ ތެރޭގައި ވެސް އާއިލީ ޒިންމާތަކާއި ގިނަ ހަރަދުތައް ކުރަން ޖެހޭ މީހުން އުޅޭ ކަމަށާއި އާއިލާއެއް ފަށަން ބޭނުންވާ މީހުން ވެސް ވަރަށް ގިނައިރު، ވަޒީފާގެ ފުރުސަތުތައް އެ މީހުންނަށް ކުޑަވުމުން ގޮންޖެހުންތައް ކުރިމަތިވެފައިވާ ޕެޓިޝަނުގައި ވެސް ބުނެފައިވެއެވެ.
ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ގާނޫނުގައިވާ ގޮތުން ކޮންމެ މަހަކު ދެމުން އަންނަނީ 2،000ރ. ގެ އިނާޔަތެކެވެ. ނަމަވެސް ޕެޓިޝަނުގައި އެދިފައި ވަނީ އެ އިނާޔަތް 5،000ރ. އަށް ބޮޑުކޮށް ދިނުމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނަށް އިސްލާހު ގެނެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 5،000ރ. އާއި 7،000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް 2019 ވަނަ އަހަރު ބިލެއް ވެސް ހުށަހެޅި އެވެ.
އެހެން ނަމަވެސް އެ ބިލަށް މަޖިލީހުގެ ތާއީދު ނުލިބުމުން މަޖުލީހުގެ ތަޅުމުން އެ ބިލުވަނީ ބޭރުކޮށްލާފައެވެ.
ރާއްޖޭގައިވެސް ޑިސްއޭބިލިޓީ ޑޭގޮތުގައި ކޮންމެ އަހަރުކުވެސް ފާހަގަ ކުރަމުން އަންނަނީ ޑިސެމްބަރު 3 ވަނަ ދުވަހެވެ.
މިއަހަރުގެ ޑިސްއޭބިލިޓިޑޭ ފާހަގަކުރަަން ސަރުކާރުން ހަމަޖައްސާފައިވަނީ ހއ. އިހަންވަންދޫގައެވެ.