ކުރީގެ ސަރުކާރުގައި ކުޑަކުދިންގެ ހިޔާގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން 13 ފުލުހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގައި ހިމެނޭ ފުލުހުންގެ އިހުމާލެއް ވޭތޯ ނެޝަނަލް އިންޓގްރިޓީ ކޮމިޝަން (އެންއައިސީން) ބަލަމުންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ މައްސަލާގައި އެންއައިސީގެ ބައްދަލުވުންތަކެއް ބާއްވައި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަމާއި، އެކަމުގައި ފުލުހުންގެ ހުރި ކަންބޮޑުވުންތައް ވެސް ބަލަމުން އަންނަ ކަމަށް އެންއައިސީގެ އިންފޮމޭޝަން އޮފިސަރު، އަބްދުލް އަޒީޒް ޔޫސުފް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން އެކުދިން ހިޔާއިން ނެރެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިނުވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ އެމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައެވެ. އެކުދިން ގެންދިޔައިރު ބައެއް ކުދިންނަށް ޖިސްމާނީ ގޮތުން އަނިޔާވެފައިވާ މައްސަލަތަކެއް ވެސް ތަހުގީގަށް ފާހަގަކުރެވުނުކަމަށް އެޗްއާރްސީއެމް އިން ހާމަކޮށްފައިވެ.
އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޭމްޕަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ދައުލަތުގެ ކަމާ ގުޅުންހުރި މުޢައްސަސާތަކުން ބޭއްވި ބައްދަލުވުމެއްގައި ނިންމައި، ހިޔާގައި ތިބި ކުދިންގެ މަސްލަހަތުގައި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޭމްޕެއް ކަމަށެވެ.
އެ ކޭމްޕްގައި ކުޑަކުދިންގެ ހައްގަށާއި ކަރާމާތަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަމުގެ ރިޕޯޓެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މީގެ ކުރިން ފުލުހުންނަށް ހުށަހަޅާފައި ނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މައްސަލާގައި 13 ފުލުހުންގެ މައްޗަށް އުފުލާފައިވަނީ އެންޓި ޓޯޗާ ގާނޫނާ ހަވާލާދީ ރަހުމު ކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި އެޗްއާރްސީއެމުން ވަނީ ކުރީގެ މިނިސްޓަރ ޒެނީޝާގެ އިތުރުން، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރުގެ ނަން ހިމެނޭގޮތަށް 30 މީހުންގެ ލިސްޓެއް ޕީޖީ އޮފީހަށް ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން ދައުވާ އުފުލާފައިވަނީ ހަމައެކަނި 13 ފުލުހަކަށެވެ.
އެ މައްސަލާގައި ދައުވާކޮށްފައިވާނީ އަމަލު ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ހެކި ގަރީނާ ލިބުނު މީހުންގެ މައްޗަށް އެކަނި ކަމަށާއި، ޒެނީޝާ އާއި ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓަރ އަހުމަދު ޝަފީއު އޭރު ވިދާޅުވެފައިވެއެވެ.