ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފުރަތަމަ ފިޔަވަހީގެ ސުކޫލުތަކުން ކިޔެވުމުގެެ ފުރުސަތު ހަމަޖައްސަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްކޫލެއް ނެތުމުން އެތަނުގައި ދިރިއުޅޭ ދަރިވަރުންނަށް، ފުރަތަމަ ފިޔަވަހީގެ ސްކޫލުތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހުޅުމާލޭ ހުރަވީ ސްކޫލުން 1500 ކުދިންގެ ޖާގައެއް ހަމަޖެހިގެންދާނެ ކަމަށެވެ.
އެ ޖާގާ އިތުރުކުރެވޭނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ހުރަވީ ސްކޫލު ދެ ދަންފަޅިއަށް ބަދަލުކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ސްކޫލުތައް އެޅުމުގެ މަސައްކަތްތައް ބާރު ސްޕީޑްގައި މީހާރު ކުރިޔަށްދާ ކަމަށެވެ.
ދެވަނަ ފިޔަވަހީގައި އެޅުމަށް ހަވާލުކޮށްފައިވާ ސްކޫލްތަކުގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ފަހުކޮޅު ކަމަށް އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލާދީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މީގެ ކުރިން ބުނެފައެވެ.
ދެވަނަ ފިޔަވަހީގައި ހަ ބުރީގެ ޕްރައިވެޓް ސްކޫލެއް އަޅަން ވިލާ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. މީގެއިތުރުން ދެވަނަ ފިޔަވަހީގައި އިންޓަނޭޝަނަލް ސްކޫލެއް އަޅަން އައިލެންޑާޒް އެޑިޔުކޭޝަން މޯލްޑިވްސްއާ ވެސް ވަނީ މި މަހު ހަވާލުކޮށްފައެވެ.