ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް މިފަހަރުވެސް އުފުލާފައިވަނީ ރިޝްވަތު ނެގުމާއި މަނީލޯންޑަރިންގެ ދެ ދައުވާއެވެ. އެއީ ވ.އާރަށް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރާ ގުޅޭ ދެދައުވާއެވެ.

ޕަބްލިކް ޕްރޮސިކިއުޓަރ އަދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރ ނަގައި ލޯންޑަރ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަމްބަރާއި، (3) ވަނަ ނަމްބަރާއި ހަވާލާދީ، އެގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަމްބަރާއި (6) ވަނަ ނަމްބަރުގެ އިތުރުން (7) ވަނަ ނަމްބަރުގެ ދަށުން މަނީ ލޯންޑަރިންގެ ދައުވާއެވެ.

އަދި، ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން، ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ދައުވާ ކުރުމަށް ވެސް ޕީޖީން ވަނީ ފޮނުޥާފައެވެ. އޭނާގެ މައްޗަށް ކުރަނީ ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ރައީސް ޔާމީން ގެންދަވަނީ މަނީ ލޯންޑަރިންގެ މައްސަލާގައި މިހާރުވެސް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އިތުރު ދައުވާ އުފުލާފައި މިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުަށް ހުރަސްއެޅުމުގެ ގޮތުންނެވެ.