ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބޮޑު ވަޒީރު، ޝައިޚް ޙަސީނާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް އާއި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގުޅުމަކީ އެތައް ޒަމާންތަކަށް ދެމިގެންގޮސްފައިވާ ގާތް ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ނައިބްރައީސް ވަނީ ބަންގްލަދޭޝްގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑްވާންސްޑް ނާސިންގ އެޑިއުކޭޝަން އެންޑް ރިސާޗް (އެން.އައި.އޭ.އެން.އީ.އާރު.) އަށް ޒިޔާރަތްކުރައްވާފައެވެ.

އަދި އެތަނުގައި ތިއްބެވި ބަންގްލަދޭޝްގެ ވަފްދުގެ ބޭފުޅުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވަނީ އެމަނިކުފާނު ބަންގްލަދޭޝްއަށް ކުރެއްވި ޒިޔާރަތުގައި އެގައުމުން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއާއި ބަންގްލަދޭޝްއަކީ އެތައް އަހަރެއްވީ ގާތްގުޅުމެއް އޮންނަ ދެ ގައުމުގެ އިތުރުން ދެ ގައުމަކީވެސް ގިނަ ކަންކަމުގައި ކަންކުރާގޮތްތަކާއި ހިފަހައްޓާ އުސޫލުތައް ވަރަށް އެއްގޮތް ދެ ގައުމުކަން ނައިބް ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނައިބް ރައީސް މިއަދު ވަނީ ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ، ޒާހިދު މަލީކްއާވެސް ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ނައިބާއި ބަންގްލަދޭޝްގެ މިނިސްޓަރ ވަނީ ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، ސިއްހީ ދާއިރާގެ ވަކި ރޮނގުތަކަށް ހާއްސަވުމަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިކަމަށެވެ.

ނައިބްރައީސް ފައިސަލް ނަޞީމް، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ މިރެއެެވެ.