މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ދައުވާކުރި ނަމަވެސް، މަގާމުން އިސްތިއުފާ ނުދޭނެކަމަށް ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހުލޫފަށް ދަޢުވާކުރުމަށް ޕީޖީ އޮފީހުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

‎މަހުލޫފުގެ މައްޗަށް ކޮށްފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާއި، މިނިސްޓަރުގެ ޕީއޭ އަޒުމޫން އަހުމަދާ ދެމެދު ދައްކާފައިވާ ވާހަކަތަކެއްގެ ސްކްރީންޝޮޓްތަކެއް ހާމަކުރައްވާ މިރޭ ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވަނީ، ދައުވާކުރަން ނިންމުމަކީ ކަނޑައެޅިގެން ޕީޖީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ ޗެޓްލޮގުން އެކަނި ހާމަވާކަމަށް ވިދާޅުވެފައެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު "ފުއްޕާވަރަށް އަދި ސައިޒުވާ" މިންވަރުގެ މައްޗަށް."
ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް

މިނިސްޓަރު މަހުލޫފް ވިދާޅުވީ، ދައުވާކުރިޔަސް އިސްތިއުފާ ނުދެއްވާނެކަމަށާއި، ކޯޓުގައި ހަގީގަތް ސާފުވާނެކަމަށެވެ.

މިނިސްޓަރު މަހުލޫފަށް ދަޢުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ބުނެފައިވަނީ، މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން ތެއްތިރީސްހާސް އެމެރިކާ ޑޮލަރު، މަހުލޫފްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީކަމަށެވެ.