ޔޫއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗަސްޓަރ ސިޓީ އަތުން ބަލިވިނަމަވެސް ޕީއެސްޖީ ރައުންޑް އޮފް 16 ގެ ޖާގައެއް ހޯދައިފިއެވެ.

މި ދެޓީމު ހިމެނޭ ގްރޫޕް އޭއިން ސިޓީ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ޕީއެސްޖީއަށް ދެވަނަ ބުރުގެ ޖާގައެއް ލިބުނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެއީ މި ގްރޫޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ބްރޫޖް އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން އާރްބީ ލައިޕްޒީގް މޮޅުވުމުންނެވެ.

މިއާއެކު މިހާތަނަށް މިގުރޫޕުގައި ހިމެނޭ 4 ޓީމުވެސް ފަސް މެޗު ކުޅެފައިވާއިރު، ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ސިޓީއަށް ވަނީ ގްރޫޕް އޭގެ އެއްވަނަ ކަށަވަރުވެފައެވެ. ދެވަނައިގައި އޮތް ޕީއެސްޖީއަށް ފަސް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ލައިޕްޒީގާއި ފުލުގައި އޮތް ބްރޫޖަށް ފަސް މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ހަތަރު ޓީމަށްވެސް ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ އެންމެ މެޗެކެވެ.

ސިޓީގެ އެތިހާދް ސްޓޭޑިއަމުގައި އެޓީމުން ޕީއެސްޖީގެ މައްޗަށް ކުރިހޯދީ ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައިވެސް ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެހެންނަމަވެސް ދެޓީމަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ސިޓީއިން ވަނީ ފުލުފުލުގައި ގިނަ ހަމަލާތަކެއް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އެހެންނަމަވެސް މި ހަމަލާތަށް ހުއްޓުވުމުގައި، ޕީއެސްޖީގެ ކީޕަރު، ކޭލާ ނަވާސް އާއި ޑިފެންޑަރުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕީއެސްޖީންނެވެ. މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. އެކަމަކު މެޗުގެ 63 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މި މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަބްރިއެލް ޖެސޫސްއެވެ.

ކްލަބް ބްރޫޖް އާއި ލައިޕްޒިގް ބައްދަލުކުރި މެޗުގެތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން، 0-5 ގެ ނަތީޖާއަކުން އާރްބީ ލައިޕްޒިގުން ކްލަބް ބްރޫޖްގެ މައްޗަށް ކުރިހޯދިއިރު، އެޓީމުން ވަނީ މެޗުގެ ކުރީކޮޅުގައި ލަނޑެއްޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ޮކށްދިނީ އެންކުންކޫ އެވެ. ލިބުނު ޕެނަލްޓީއކުން އެމިލް ފޯސްބާގް ލައިޕްޒިގަށް ލީޑު ފުޅާކޮށްދިން އިރު 26 ވަނަ މިނެޓުގައި އަންޑްރޭ ސިލްވާ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ފޯސްބާގް ވަނީ އިތުރު ލަނޑެއް ޖަހާދީ، ލައިޕްޒިގަށް ހާފު ނިމުމުގެ ކުރިން 4 ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އެޓީމުން މެޗުގައިޖެހި ފަހުލަނޑު، މެޗުގެ ފުރިހަމަވަގުތު ހަމަވެދެއްކި އިތުރުވަގުތުގެ 3 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން އެންކުންކޫ އެވެ.

މި ގުރޫޕުގެ މެޗުތަކެއް ދެން ކުޅޭނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހުގެ 22:45 ގައި މެންޗަސްޓަރ ސިޓީ އާއި ދެކޮޅަށް ލައިޕްޒިގް ނުކުންނައިރު ހަމަ އެގަޑީގާ ޕީއެސްޖީ އާއި ދެކޮޅަށް ކްލަބް ބްރޫޖް ނުކުންނާނެއެވެ.