ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ ނަމުގައި މިހާރު ކުރިއަށްދާ ގައުމީ ރާޅާއެޅުމުގެ މުބާރާތުގައި އަންހެން އޯޕަން ޑިވިޝަން ޗެމްޕިއަންކަން ހޯދައި، އާޔާ ނަސީމް ތާރީހުން ޖާގަ ހޯދައިފިއެވެ.

މިއީ މި މުބާރާތުގެ ތާރީހުގައިވެސް އަންހެން ރާޅާއެޅުންތެރިންނަށް ހާއްސަ ކެޓަގަރީއެއް ބޭއްވި ފުރަތަމަ ފަހަރެވެ. އެހެންކަމުން އާޔާ އަކީ، ރާއްޖޭގެ ފުރަތަމަ އަންހެން ގައުމީ ސާފިންގ ޗެމްޕިއަންއެވެ.

މި ފަހަރުގެ ގައުމީ ސާފިން މުބާރާތުގައި އަންހެން އޯޕަން ޑިވިޝަނެއް ހިމެނީ މި ކުޅިވަރުން ގައުމީ ލެވަލްގައި ކުރިއަށްދާން ގިނަ އެތުލީޓުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގަ އެވެ. އޭގެ ބޭނުންހިފައި މަހެއްހާ ދުވަހުގެ ވަރުގަދަ ތައްޔާރީ އަށް ފަހު އާޔާ މި ވަނީ ފުރަތަމަ ގައުމީ ޗެމްޕިއަަނަށް ވުމުގެ ޝަރަފް ހޯދައިފަ އެވެ.

އަންހެން އޯޕަން ޑިވިޝަންގެ ޗެމްޕިއަންކަން އާޔާ ހޯދީ، ޝާޒިޔާ ސައީދު (ޝާޒު) އާ ވާދަކޮށެވެ. ތިން ވަނަ ހާސިލްކުރީ ނާހާ ނަސްރުﷲ އެވެ. ނާހާ އަކީ މި ފަހަރުގެ މުބާރާތުގައި އައްޑޫ ސިޓީ ޓީމުގައި ހިމެނޭ ރާޅާއެޅުންތެރިއެކެވެ.

އާޔާ މި ބައިގެ ޗެމްޕިއަންކަން ހޯދީ 8.17 ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި ޝާޒަށް ލިބުނީ 5.70 ޕޮއިންޓެވެ. ޝާޒު އާއި އާޔާ އަކީ، "ސާފްގާލްސްއެމްވީ" ގެ ނަމުގައި ރާޅާއެޅުމުގައި އަންހެނުން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ދެ އެތުލީޓުންނެވެ.

ޗެމްޕިއަންކަން ހޯދި އާޔާ އަށް 15،000ރ. ގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަ ށް 10،000ރ. އަދި ތިންވަނަ އަށް 7،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. ވޯލްޑް ސާފް ލީގުން 2019 ވަނަ އަހަަރު އަންހެން އަދި ފިރިހެން އެތުލީޓުންނަށް ފައިސާގެ އިނާމު ހަމަހަމަ އުސޫލުން ލިބޭނެހެން ގަވާއިދު ބަދަލުކުރުމާ އެކު، އެމްއެސްއޭ އިން ވެސް ވަނީ މި މުބާރާތުގައި މި އުސޫލަށް އަމަލު ކުރަން ފަށައިފަ އެވެ.