ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީ އިން ރައުންޑް އޮފް 16 ގެ ޖާގައެއް ރެއާލް މެޑްރިޑާއި އިންޓަރ މިލާނުން ހޯދައިފިއެވެ.

ގަދަ 16 ގެ ޖާގައެއް ރެއާލުން ހޯދީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން އެފްސީ ޝެރިފް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އަވޭގައި ރެއާލް އިން ޝެރިފް އާއި ދެކޮޅަށް މޮޅުކުޅުމެއް ދެއްކިއިރު އެޓީމުން ވަނީ ފުރަތަމަ 45 މިނެޓުގެ ތެރޭގައި ދެލަނޑުގެ ލީޑެއް ނަގާފައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ރެއާލް އަށް ލީޑުނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރ ޑޭވިޑް އަލަބާއެވެ. މިއީ ލިބުނު ހިލޭޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި ހާފު ނިމުމުގެ ކުރިން ރެއާލަށް ލީޑުފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޓޯނީ ކްރޫސް އެވެ. މިއީ ރޮޑްރީގޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކްރޫސް ކާމިޔާބުކުރި ލަނޑެކެވެ.

މުޅި މެޗު ޑޮމިނޭޓުކުރަމުންދިޔަ ރެއާލުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ، ފާލަންޑް މެންޑީ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއެވެ. އަދި އޭގެ ފަހުންވެސް މި މެޗުގައި ރެއާލަށް ވަނީ އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

އިންޓަރ އާއި ޝަޚްތާރު ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުން މޮޅުވެ ރެއާލުން އަރުންޑް އޮފް 16 އަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ. ދެން މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ހޯދި އިންޓަރ މިލާން ދެވަނަ ކަށަވަރުކުރީ ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޝަޚްތާރު ޑޮނިއެސްކް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

އިންޓަގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ލަޓާރޯ މާޓިނޭޒް ވަނީ އިންޓައަށް ލަނޑެއް ޖަހައިދީފައެވެ. އެކަމަކު އެ ލަނޑު ޖެހުމުގެ ކުރިން މާޓިނޭޒް ކުރި ފައުލަކާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ނަމަވެސް މެޗުގެ 61 ވަނަ މިނެޓުގައި އެޑިން ޒެކޯ ވަނީ ލަނޑެއް ޖަހައި، އިންޓައަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން އިންޓައިން ލީޑު ފުޅާކުރިއިރު، އިވާން ޕެރިސިޗް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޒެކޯއެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް ރެއާލަށް ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އިންޓައަށް ވަނީ ފަސް މެޗުން 10 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ޝެރިފަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޝަޚްތާރަށް ފަސް މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.