އެކި ސަބަބު ތަކާ ހުރެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، ފްލެޓް އެއްބަސްވުން ތަކުގައި ސޮއިކޮށްފައި ނުވާ މީހުންނަށް އިތުރު ފުރުސަތެއް ދީފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ހިޔާ ފުލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، 14 ޖުލައި 2021 އިން 24 ނޮވެމްބަރު 2021 އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށް އެކި ސަބަބުތަކާ ހުރެ އެއްބަސްވުމުގައި ސޮއިކުރަން އާދެވިފައި ނުވާ ފަރާތްތަކާއި އަދި މިހާތަނަށް ސޮއިކުރަން އެ ކޯޕަރޭޝަނުން ގުޅާފައިނުވާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް މިމަހު 28 އަދި 29ގައި ފުރުސަތު ދޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ސެންޓްރޯ މޯލްގެ 2 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ސޮއި ކުރަން ހާޒިރުވާން ޖެހޭ ގަޑިއަށް ހާޒިރުވުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައެވެ. އަދި ހިޔާ ފްލެޓާއެކު ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށްވެސް އެތަނަށް ބަދަލުވެފައިވާ ގިނަ އާއިލާތަކުން ބުނެފައިވެއެވެ.

ސަރުކާރުން، ފެލްޓް ލިބުނު މީހުންނާއި ހަވާލުކޮށްފައިވާއިރު، އެތަން ދިނީ ފިނިޝިންގެ މަސައްކަތް ނުނިންމާކަމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ހިޔާ ފްލެޓްތަކަށް ދީފައިވާ ގްރޭސް ޕީރިއަޑްގެ ތިންމަސް އަންނަ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަމަވާނެއެވެ. މިއާއިއެކު އެ ސަރަހައްދުގައި ގާތްގަނޑަކަށް 30000 މީހުންގެ އާބާދީއެއް ދިރިއުޅެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.