ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕޯޓޯ ބަލިކޮށް ލިވަޕޫލުން ދެވަނަ ބުރުގެ ޖާގައެއް ހޯދިއިރު، އޭސީ މިލާން އަތުން ބަލިވެ ސްޕެއިންގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލުން ޕޯޓޯގެ މައްޗަށް ކުރިހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މިއާއެކު އެކުލަބުން ވަނީ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެފައެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ވަނީ މެޗުގެ 59 އިންސައްތަ ޕޮޒެޝަން ހިފަހައްޓާފައެވެ. އަދި ޖުމްލަ 11 ހަމަލާއެއް އުފައްދާފައިވާއިރު 5 ހަމަލާއެއް ވަނީ ގޯލާއި އަމާޒުކޮށްލާފައެވެ. ޕޯޓޯއިން މެޗުގައި އުފައްދާފައިވަނީ 9 ހަމަލާއެކެވެ. އަދި ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވިފައިވަނ އެންމެ ހަމަލާއެކެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން އެންމެ ރަނގަޅު ކުޅުން ފެނިގެންގޮސްފައި ނުވާއިރު މިހާފުގައި ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެހެންނަމަވެސް ދެވަނަ ހާފާއި ލިވަޕޫލުން ކުރިމަތިލީ ވަރުގަދަ އަޒުމެއްގައެވެ. ނަތީޖާއަކަށްވީ މި ހާފުގައި ވަރަށް ބޮޑަށް އެޓޭކަށް ވިސްނައިގެން ކުޅެ، މިހާފުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ ލީޑުނެގުމެވެ.

އެގޮތުން މިހާފުގެ 7 ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ އަލްލަންޓަރަ ވަނީ ލަނޑެއްޖަހާފައެވެ. މިއީ ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ އަރިމަތީ ކަނަށް އަމާޒުކޮށްލައިގެން ތިއާގޯ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ މި ސީޒަނުގައި އޭނާ ލިވަޕޫލަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.

ލިވަޕޫލަށް ލީޑުފުޅާކޮށްދިން ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސްރު ފޯވާޑް، މުހައްމަދު ސަލާހް އެވެ. މިއީ ހެންޑަސަން ދިން ޕާހަކުން، ޕޯޓޯގެ ކުޅުންތެރިންތަކެއް ކައިރިން ވަރަށް ރީތިކޮށް ނަށްޓާލުމަށްފަހު ސަލާހް ކާމިޔާބު ކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ ފަސް މެޗުން 15 ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ދެވަނަ ބުރު ކަށަވަރުކޮށްފައެވެ.

އެތްލެޓިކޯ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ދެން މި ގުރޫޕުގައި ހިމެނޭ އޭސީ މިލާން އާއި އެތްލެޓިކޯ މެޑްރިޑުގެ ކުރިމަތިލުމުން ކުރިހޯދީ މިލާން އެވެ.

އަމިއްލަ ދަނޑުގައި ކުޅެ އެތްލެޓިކޯ މި މެޗުން ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މިލާން އިންނެވެ. އެގޮތުން މެޗުގެ 58 އިންސައްތަ ޕޮޒެޝަން އެޓީމުން ހިފެހެއްޓިއިރު، މެޗުގައި ޖުމްލަ 14 ހަމަލާއެއް ވަނީ އުފައްދާފައެވެ. އަދި 4 ހަމަލާއެއް ވަނީ ގޯލާއި އަމާޒުކޮށްލާފައެވެ.

މެޗުގައި އެތްލެޓިކޯއން އެންމެ 6 ހަމަލާއެއް އުފައްދާފައިވާއިރު، ގޯލާއި އަމާޒުކޮށްލެވުނީ އެންމެ ދެ ހަމަލާއެކެވެ.

މެޗުން ބަލިވި ނަމަވެސް އެތްލެޓިކޯ އަށްވެސް އަދި މެޗުން މޮޅުވި މިލާނަށްވެސް ދެވަނަ ބުރުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މީގެއިތުރުން ލިވަޕޫލް އަތުން ބަލިވި ޕޯޓޯ އަށްވެސް އަދި ފުރުސަތެއް ނުގެއްލެއެވެ.

މުބާރާތުގައި އަދި ކޮންމެ ޓީމަކަށްވެސް ގްރޫޕް ސްޓޭޖުގައި ބާކީ 1 މެޗު އޮތްއިރު، މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތްއިރު ދެވަނައިގައި ޕޯޓޯ އޮތީ 5 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް މިލާނަށް 4 ޕޮއިންޓު ލިބިފައިވާއިރު ފުލުގައި އެތްލެޓިކޯ މެޑްރިޑް އޮތީވެސް ހަތަރު ޕޮއިންޓާއެކުއެވެ.

މިބުރުގެ ފަހު މެޗުތަކުގައި މިލާން ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ. އަދި ޕޯޓޯ ނުކުންނާނީ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.