ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެއްވި މައްސަލައިގެ ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްސަލައިގައި މިމަހުގެ 30 ވަނަ ދުވަހު ހުކުމް އިއްވާނެކަން މިހާރު އެމަނިކުފާނުގެ ވަކީލުންނަށް އަންގާފައެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން ސުޕްރީމް ކޯޓުގައި ކޮށްފައިވާ އިސްތިއުނާފުގެ ހުކުމް ކުރަން ތާވަލްކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 9:00 އަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި ކުށް ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އިރު، ރ. ފުއްގިރި މައްސަލާގައި، މަނީ ލޯންޑަރކުރުމާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ޔާމީން ޖަލަށް ލާން ކުރި ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާއިރު ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރިޝްވަތާއި މަނީ ލޯންޑަރިންގެ މައްސަލައެއް ޔާމީނާ ދެކޮޅަށް އަންނަނީ ހިންގަމުންނެވެ. އަދި އިއްޔެ ވެސް ވަނީ މަނީ ލޯންޑަރިންގެ އާ ދައުވާއެއް ކޮށްފަ އެވެ. އެއީ ވ. އާރަށް ކުށްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.
އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމުން، މިހާރު އެމަނިކުފާނުގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.
ފަނޑިޔާރު މަހާޒު އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖުލީހުގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓު ޑިސެމްބަރު މަހު ރިސެސްއަށް ދިޔުމުގެ ކުރިން މައްސަލާގައި ހުކުމް އިއްވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.