ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ "ބްރޯޑްކާސްޓަރސް ފޯރަމް" ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދައުވަތު ދީފައިވާ މި ފޯރަމް ކުރިއަށް ދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ފޮޓޯ: ވީނިއުސް

ދިވެހިރާއްޖެއިން 22 ބްރޯޑްކާސްޓަރުން ބައިވެރިވާ މި ފޯރަމް ކުރިއަށް ދާނީ މިއަދު ހެނދުނު 0900 އިން މެންދުރު ފަހު 1345 އަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފޯރަމްގައި ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިމަގާ މެދު ފޯރަމްގެ ބައިވެރިން ވަނީ މަޝްވަރާ ކޮށް ޚިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޮޓޯ: ވީނިއުސް

މި ފޯރަމްގައި ވާހަކަ ދައްކަވަމުން، ކުރީގަ ބްރޯޑްކާސްޓް ކުރި ގޮތާއި މިހާރު ބްރޯޑްކާސްޓް ކުރުމުގައި ގެންގުޅޭގޮތް ތަފާތު ކަމުގައި ވީމީޑިއާގެ ޗީފް ކޮމާޝިއަލް އޮފިސަރ (ސީސީއޯ) އަހްމަދު އުމަރު ވަނީ ފާހަގަ ކުރައްވާފައެވެ.

"ވަރަށް ބޮޑަށް ތަފާތު ޕްލެޓްފޯމްތަކުން އެނީވެއަރ އެނީ ޕްލޭސް އެނީ ޑިވައިސް މިކަހަލަ ގޮތަށް ބްރޯޑްކާސްޓިން މިހާރު ތަރައްގީ ކުރެވިއްޖެ. އެހެން ވުމުގެ ސަބަބުން ބްރޯޑްކާސްޓިންނަށް އިތުރު ފުރިހަމަކަމެއް އަތުވެއްޖެ"
ވީމީޑިއާގެ ސީސީއޯ އަހްމަދު އުމަރު

މީގެ އިތުރުންވެސް ފޯރަމްގައި ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށާއި، ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކޮމިޝަނުން ކުރިއަށް އޮތް އަހަރު ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މައުލޫމާތު ބްރޯޑްކާސްޓަރުންނާ ވަނީ ހިއްސާ ކުރުން އޮންނާނެއެވެ.

ފޮޓޯ: ވީނިއުސް

އަދި ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު) އިސްލާހު ކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ޚިޔާލު ހޯދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

2011 ވަނަ އަހަރު ބްރޯޑްކާސްޓިންގ ކޮމިޝަން އުފެދުނީއްސުރެ މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް ކޮމިޝަނުން ދޫކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.