މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ ބެންކާއި އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ 'ބީއެމްއެލް ވާއު ކިޑްސް ރަން' މިއަހަރުވެސް ބޭއްވުމަށް ނިންމައިފިއެވެ.

މި ދުވުން ކުރިއަށްދާނީ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކުގައި އެވެ. މި ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ޑިސެންބަރު 2 ވަނަ ދުވަހު ހުޅުވާލުމަށްވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ދުވުމުގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގައެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ދުވުމުގައިވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ބީއެމްއެލް އާއި ޓީއެފްޖީ އެކު ބައިނަލް އަޤްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބާއްވާ ހަރަކާތެކެވެ. މިއީ މި ދުވުން ބާއްވާ 5 ވަނަ އަހަރެވެ.

2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ދުވުން ބާއްވާއިރު، ކޮވިޑް-19 ގެ ސަބަބުން މިދިޔަ 2020 ވަނަ މި ރަން ބާއްވާފައެއް ނުވެއެވެ.

މިފަހަރުގެ ދުވުމުގައިވެސް އެހެން އަހަރުތަކެކޭ އެއްފަދައިން، 4 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިން ބައިވެރިވާން ޖެހޭނީ ބެލެނިވެރިއަކާއި އެކުއެވެ. މިފަހަރުގެ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 1200 ކުދިންނަށެވެ.