ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކުރަން ނިންމި ނިންމުމަކީ ޒާތީ ނިންމެވުމެއް ކަމަށް ވިދާޅުވެ، މިނިސްޓަރ މަހުލޫފް ލީކުކޮށްލި ޗެޓުލޮގާއި ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ޖަވާބުދެއްވަން އިންކާރުކުރައްވައިފިއެވެ.

ޕީޖީ ޝަމީމާއި، މިނިސްޓަރގެ ޕީއޭ އަޒްމޫން އަހުމަދާ ދެމެދު ދެކެވުނު ވާހަކަތަކެއްގެ ސްކްރީންޝޮޓް ހިއްސާ ކުރައްވައި، މިނިސްޓަރ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުވާކުރަން ނިންމުމަކީ ކަނޑައެޅިގެން ޕީޖީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން އަޒްމޫން އާއި ޝަމީމުގެ ޗެޓްލޮގުން އެކަނިވެސް ހާމަވެގެން ގޮއްސި ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ޝަމީމް ކުރައްވަން ބޭނުންވާ އިތުރު ކޮމެންޓެއް ނެތް ކަމަށާއި، ދައްކާނެ ވާހަކައެއް ވިއްޔާ ދައްކަވާނީ ކޯޓުގައި ކަމަށް ޕީޖީ ޝަމީމް އާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި، މަހުލޫފް އާންމު ކުރައްވާފައިވާ ޗެޓްލޮގް ތަކަކީ ސައްހަ އެއްޗެއް ކަމަށާއި، އެއީ ޕީޖީއާއި ދެކެވުނު ވާހަކތަކެއް ކަމަށް އަޒްމޫން ބައެއް ނޫސްތަކަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ޕީޖީއޯގެ މީޑިއާ ގްރޫޕްގައި އެކަމާއި ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން، ޕީޖީ އޮފީހުގެ މީޑިއާއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ކޮށްފައިވަނީ ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

އެކަމާއި ގުޅިގެން މަހުލޫފް ވިދާޅުވެފައިވަނީ ދައުވާކުރި ނަމަވެސް، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި، ކޯޓުގައި ހަގީގަތް ސާފުވެގެންދާނެ ކަމަށެވެ.