ކުރިއަށްއޮތް ޑިސެމްބަރުމަހު ލީބިޔާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ޣައްޒާފީގެ ފިރިހެން ދަރިކަލުން ވާދަކުރަން ފުރުސަތު ދިނުމަށް ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ދެކޮޅު ހަދައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ޣައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ޣައްޒާފީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޝަރުތު ފުރިހަމަ ނުވާ ކަމަށެވެ.

ޑިސެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 98 ކެންޑިޑޭޓުން ހުށަހެޅިއިރު، އިލެކްޝަން ކޮމިޝަނުންވަނީ 25 ކެންޑިޑޭޓުން ޑިސްކޮލިފައި ކޮށްފައެވެ. އޭގެ ތެރޭގައި ސައިފުލް އިސްލާމް ޣައްޒާފީވެސް ހިމެނެއެވެ.

އެހެން ނަމަވެސް، ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައެޅި ހުރިހާ ކެންޑިޑޭޓުންނަށްވެސް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން، އެކަމަށް އެންމެ ފަހުގެ ނިންމުން ނިންމާނީ ޖުޑިޝަރީންނެވެ.

އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ، ސައިފުލް އިސްލާމްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ވުމުން އޭނާ އިންތިޚާބުގައި ވާދަކުރުމަށް ޝަތުރު ފުރިހަމަ ނުވާކަމަށެވެ.

ކާނަލް މުއައްމަރުލް ޣައްޒާފީގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ ރައްޔިތުން 2011 ވަނަ އަހަރު އުތުރިއެރި އިރު، އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގެވި ކަމުގެ ކުށް ސާބިތުވެ ޓްރިޕޮލީގެ ކޯޓަކުން ސައިފުލް އިސްލާމްގެ މައްޗަށް 2015 ވަނަ އަހަރު ޣައިރު ހާޟިރުގައި މަރުގެ ހުކުމް އިއްވާފައި ވެއެވެ.

ޝަރީއަތުގައި ސައިފުލް އިސްލާމް ބައިވެރިވީ ލީބިޔާގެ ޒިންޓާން ނަމަކަށްކިޔާ ރަށެއްގެ ޖަލެއްގައި ހުންނަވައިގެންނެވެ. އޭރު އޭނާ ހުންނެވީ ހަނގުރާމަވެރި ގްރޫޕަކުން ރަހީނުކޮށްފައެވެ.

ޝަރީއަތުގައި ސައިފުލް އިސްލާމް ވިދާޅުވީ، އޭނާ އެއްވެސް ކުށެއް ނުކުރައްވާ ކަމަށެވެ.

ސައިފުލް އިސްލާމްގެ އިތުރުން، ކުރީގެ ބޮޑުވަޒީރު އަލީ ޒައިދާނާއި، ޕާލަމެންޓްގެ ކުރީގެ މެމްބަރު ނޫރީ އަބޫސަހްމައިންވެސް ރިޔާސީ އިންތިޚާބަށް ޝަރުތު ފުރިހަމަ ނުވާކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައި ވެއެވެ.

ރިޔާސީ އިންތިޚާބަށް އެކަށައަޅާފައިވާ އުސޫލުތަކާއި، ކެންޑިޑޭޓުންގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމުގެ ސަބަބުން ލީބިޔާގައި ސުލްހަ ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ނުރައްކާ ފޯރަފާނެކަމަށް މުހައްލިލުން ވިދާޅުވިއެވެ.