ރ. ވާދޫގައި ޒުވާނުން އިހުތިޖާޖުކުރީ ކައުންސިލަށް ނިސްބަތްވާ އިސް މެމްބަރަކު ދެއްކި ދޮގު ވާހަކަތަކަކާއި ގުޅިގެން އުފެދުނު ނުތަނަވަސްކަމެއްގެ ސަބަބުން ކަމަށް ރ. ވާދޫ ކައުންސިލްގެ ރައީސް ހުސައިން އަލީ މިރޭ ވިދާޅުވެއްޖެއެވެ.

ވީނިއުސްއާ ވާހަކަދައްކަވަމުން، ހުސައިން ވިދާޅުވީ، އެ ފަދަ ކަމަކީ ކައުންސިލަށް ނިސްބަތްވާ މެމްބަރަކު އަދި ހާއްސަކޮށް ޒިންމާދާރު މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ފަރާތުން ފެންނަން ނުވާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޒުވާނުންގެ އިހުތިޖާޖަށް ފަހު، ކަން ހިނގާ ދިޔަ ގޮތް އެ ކުދިން އިސްވެ ކައުންސިލާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެ މެމްބަރަށް ފިޔަވަޅެއް އަޅާނެތޯ ސުވާލުކުރުމުން ހުސައިން ވިދާޅުވީ "ފިޔަވަޅު ނާޅުއްވާނެ" ކަމަށެވެ.

ރ. ވާދޫން މީދާ ހިފުމުގެ މުބާރަތަކީ ކައުންސިލްގެ ބަޖެޓުގައި ޕެސްޓް ކޮންޓްރޯލްކުރުމަށް ކަނޑައަޅާފައިވާ ވަކި ބަޖެޓަކުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި އެކަމުގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށުގައި މީދާ ގިނަވުމުގެ ސަބަބުން، 6000 ރުފިޔާގެ އަގު ހުރި މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ވާދޫ ކައުންސިލުން އިއުލާނުކޮށްފައި ވާއިރު، އެ މުބާރާތް މިއަދު ވަނީ ފަށާފަ އެވެ.

އެކަމާ ގުޅިގެން އެރަށުގެ ޒުވާނުން ނުރުހި، ރަށުގެ ބޮޑު މަގު، އަމީނީ މަގުގައި ހުންނަ ރ. ވާދޫ ކައުންސިލްގެ އިދާރާ ކުރިމަތީގައި އިހުތިޖާޖު ކުރީ އަންގާރަ ދުވަހުގެ ރޭގަ އެވެ.

ޒުވާނުން ނުރުހުން ފާޅުކުރީ އެމީހުން ބާއްވަން ބޭނުންވި ފުޓްސަލް މުބާރާތަކަށް ބަޖެޓު ނެތް ކަމަށް ކައުންސިލް ބުނެފައިވާ ކަމަށް ބުނެއެވެ.

ނަމަވެސް ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ޒުވާނުންގެ ވާހަކަތައް ދޮގުކޮށްފަ އެވެ. ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ފުޓްސަލް މުބާރާތެއް ބާއްވަން ބަޖެޓް ނެތް ކަމަށް ބުނެ އަދި ފުޓްސަލް މުބާރާތެއް ބޭއްވުމާ ގުޅޭގޮތުން ކައުންސިލްގެ ބައްދަލުވުމަކުން ނިންމި ނިންމުމުގެ މެޖޯރިޓީ ނުލިބޭ ކަމަށް ބުނެ، ”ވާދޫގައި ފުޓްސަލް ކުޅުމުގައި ހަރަކާތްތެރިވާ މަދު ބަޔަކު“ ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

ކައުންސިލުން ބުނީ، އަލަށް އިންތިހާބުވި 4 ވަނަ ދައުރުގެ ކައުންސިލުން މިހާތަނަށް ބޭއްވި އެއްވެސް ރަސްމީ ބައްދަލުވުމެއްގައި، ފުޓްސަލް މުބާރާތެއް ބާއްވަން އެޖެންޑާކޮށްފައި ނުވާނެ ކަމަށާއި އަދި އެކަމުގައި އެއްވެސް މަޝްވަރާއެއްކޮށް، މިހާތަނަށް އެއްވެސް ވޯޓަކަށް އަހާފައި ނުވާނެ ކަމަށެވެ.

"އަދި މި ކައުންސިލްގެ ދައުރުގައި އެއްވެސް ފަރާތަކުން ރަސްމީކޮށް ފުޓްސަލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ފައިސާގެ އެހީތެރިކަމެއް ހޯދުމަށް އެދި ހުށަހަޅާފައި ވެސް ނުވާކަމުގައި ދަންނަވަމެވެ،“ ބަޔާނުގައި ވެއެވެ.

ކައުންސިލުން ބުނީ އެއީ ކައުންސިލާ މެދު ނަފުރަތު އުފެއްދުމުގެ ގޮތުން ކައުންސިލަށް ނިސްބަތްވާ މެމްބަރެއްގެ ފަރާތުން ދީފައިވާ ދޮގު މައުލޫމާތަކަށް ބިނާކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.ވާދޫ ކައުންސިލުން ބުނީ ބަޖެޓުގެ ދަތިކަމާއެކު ވެސް، ރަށުގައި ކުޅިވަރު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކައުންސިލުން ކޮށްފައިވާނެ ކަމަށެވެ. އެގޮތުން، ފުޓްސަލް ދަނޑުގެ ގިނަ މަރަމާތުތަކެއް އެކި ފަހަރު މަތިން ކޮށްފައިވާނެ ކަމަށާއި ހުރިހާ ފުޓްސަލް މުބާރާތްތަކަށް ކައުންސިލުން ފައިސާގެ އެހީތެރިކަން ދީފައިވާނެ ކަމަށް ވެއެވެ.

ހަމައެހެންމެ ކައުންސިލުން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރި ކުޅިވަރަކީ ފުޓްސަލް ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ވާދޫގައި ބޭއްވުމަށް ކަނޑައެޅިފައިވާ މީދާ މަދުކުރުމުގެ ހަރަކާތަކީ ކައުންސިލްގެ ބަޖެޓުގައި ޕެސްޓް ކޮންޓްރޯލްކުރުމަށް ކަނޑައެޅިފައިވާ ވަކި ބަޖެޓަކުން ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިކަމުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގައި ވާދޫ ކަައުންސިލުން ބުންޏެވެ.