ބައިނަލްއަގްވާމީ ގޮތުން ފާޙަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ އާ ދެކޮޅަށް މަސައްކަތް ކުރުމުގެ ދުވަހާއި ގުޅުވައިގެން ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުންގެ ފަރާތުން ހާއްސަ މެސެޖެއް ދީފިއެވެ.

މި ދުވަހާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޕާޓީގެ އަންހެން ކަނބަލެއް ކަމަށްވާ ރީޝާ އަހުމަދު ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާތައް ނުހުއްޓެވޭކަމަށް ގަބޫލުކުރައްވާ އެއް ސަބަބަކީ އަމިއްލަ ސިކުނޑި ތެރޭގައި ތިމާ އަމިއްލައަށް ޣައިދު ވެގެން އިންނަ އިނުން ކަމަށެވެ.

އެގޮތުން، މުޖުތަމައުންނާއި އާއިލާގެ ތެރެއިންވެސް އެފަދަ އަނިޔާ ތަހައްމަލް ކުރަމުންދާ އަންހެނުންގެ އަޑުއަހައި އެމީހުންގެ އިހުސާސަތައް ހިއްސާ ކުރެވޭ ފަދަ މާހައުލެއް ގާއިމް ކޮށްދިނުން މުހިންމު ކަމަށް ދެކިލައްވާ ކަމަށް ވިދާޅުވިއެވެ.

އެފަދަ އަންހެނުނަށް ބުނެލަން ބޭނުންވަނީ އަނިޔާ ލިބުނީމައި ގޭތެރޭގައި އެތެރއަށް ހިންދައިގެން އޭތި ނުބަހައްޓާށޭ. ކޮންމެސް ސިފައެއްގައި އޭތި ބޭރުކޮށްލާށޭ. އިތުބާރު ކުރެވޭ މީހަކާއި އެވާހަކަތައް ހިއްސާކުރާށޭ. އެގޮތުންވެސ ހައްލެއް ނުލިބިއްޖެ ނަމަ، ހިތައް ހިތްހަމަޖެހުމެއް ނުލިބެއްޖެ ނަމަ ހުންނާނޭ ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް. އެހިސާބަށް ގޮސްގެންވެސް އެކަމަށް ހައްލު ހޯދާށޭ.
ރީޝާ އަހުމަދު

މީގެއިތުރުން، އަންހުންނަށާއި، ކުދި އަދި މެދުއުމުރުފުރާގެ އަންހެން ކުދިންނަށް ދިމާވާ ކުދި އަނިޔާތަކާއި ބޮޑެތި އަނިޔާތަކަކީ މުޖުތަމައުގައި ކަންބޮޑުވާވަރަށް އާންމުވެފައިވާ މައްސަލަތަކެއްކަން ފާހަގަކޮށް އެކަނބަލުން ވިދާޅުވީ، އެފަދަ އަނިޔާތަކުގެ ސަބަބުން އެކުދިންގެ ދިރިއުޅުން އެއްކޮށް ބަދަލުވެ ވިސްނުމަށާއި މިޒާޖަށް ތަފާތު ބަދަލުތަކެއް އަންނަ ކަމަށެވެ.

އެގޮތުން، އެފަދަ ކަންތައްތަކާ މެދު ކުދިން ހޭލުންތެރިކުރުވުމަށް ކުޑައިރުއްސުރެ ސްކޫލުންނާއި، ސްކޫލުގެ މާހައުލުން ބޭރުން ބެލެނިވެރިންވެސް މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ތެރެއިން ތަންކޮޅެއް ޒިންމާދާރު ބައެއް އެބަ ޖެހޭ ކުދިންނަށް ވިސްނައިދޭން. ސެޝަންތަކެއް ނަގައިދޭން. ސްކޫލުގައްޔާއި ސްކޫލު ނޫން ތަންތަނުގައި އަދި ހާއްސަކޮށް ބެލެނިވެރިން އެބަޖެހޭ އެކުދިންނަށް އަންގައިދޭން މިއީ ކޮންކަހަލަ ކަންތައްތަކެއްކަން. ހަމަ އެކުދިންގެ އުމުރުން 8 އަހަރު 9 އަހަރުން ފެށިގެން އެބަޖެހޭ ކިޔައިދޭން. އަންހެން ކުދިންނަށް ހާއްސަކޮށް މިކަހަލަ ކަންތައްތަކެއް ދިމާވެދާނެކަން.
އައިޝަތު އާމާލް

އެފަދަ ކަންތައްތައް ދިމާވެ، އޭގެން ސަލާމަތްވުމަށް ގިނަފަހަރު އުދަނގޫ ވަނީ އެފަދަ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރި ވެފައިނުވާތީ ކަން ޖޭޕީގެ ފަރާތުން ވާހަކަދެއްކި ކަނބަލެއް ފާހަގަކުރެއްވިއެވެ. ކުދި ކުދި ކަންތައްތައް ތަހައްމަލުކުރަމުން ގޮސް އެފަދަ ކަންތައް ބޮޑު އަނިޔާ އަކަށް ބަދަލުވެގެން ދިއުމުގެ ސަބަބަކީ އެއީ ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުންގެ ފަރާތުން ވަނީ ރާއްޖޭގައި އެފަދަ އަނިޔާތަކާއި ކުރމަތިލާން ޖެހިފައިވާ ހުރިހާ އަންހެނުނަށް އިންސާފު ހޯދައިދޭން މަސައްކަތް ކުރައްވައި އެފަދަ ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށް މިހާރުގެ ސަރުކާރަށްވެސް ގޮވާލާފައެވެ.

މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އޮރެންޖް ދަ ވޯލްޑް – އެންޑް ވައިލެންސް އެގެއިންސްޓް ވިމެން" މި ޝިއާރެވެ.