އަންނަ އަންގާރަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ވާނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިންގެ ބޮޑުބޭބެ ދަރިކަލުން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު ނުފޫޒު ފޯރުވުމާއި އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ ޔާމީން މިނިވަންވާނެ ކަމަށެވެ. އަދި ޓީވީގެ ޒަރިއްޔާއިން މުޅި މި މައްސަލަ ބެލި ރައްޔިތުންނަށް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިިތުވެފައި ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގައި ހުކުމް ކުރުން އަންނަ އަންގާރަ ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

ރައީސް ޔާމީން، 5 އަހަރަށް ޖަލަށްލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމްކުމަށް ހައިކޯޓުންވެސް ތަޢީދުކުރުމާއި ގުޅިގެން އެމަނިކުފާނުގެ ފަރާތުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ، މިއަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.

އިސްތިއުނާފީ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް ނިމިފައިވާއިރު، މައްސަލަ ދިރާސާ ކުރައްވަމުންދަނިކޮށް ފާހަގަވި ކަމަކާ ގުޅޭ ގޮތުން ދަޢުލަތާ ސުވާލު ކުރުމަށް މިމަހުގެ 17 ވަނަ ދުވަހުވެސް އިތުރު އަޑުއެހުމެއްވަނީ ބާއްވާފައެވެ.

ސްޕްރީމް ކޯޓުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ރައީސް ޔާމީންގެ މި މައްސަލައިގެ ޝަރީއަތުގެ މަޖިލީސްތައް މަންޒަރާއެކު ވަގުތުން ގެނެސްދެއިރު، މިމަހުގެ 30 ވާ އަންގާރަދުވަހު ބާއްވާ ޙުކުމް އިއްވާ ޝަރީޢަތުގެ މަޖިލިސް އޮންނާނީ އެދުވަހު ހެނދުނު 09:00 ގައެވެ.

ރައީސް ޔާމީން 5 އަހަރު ދުވަހަށް ޖަލަށްލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ، ގއ. ވޮޑަމުލާ ކުއްޔަށްދީގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި އެ ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެފައިސާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައި ވާތީ އެކަން އެގޮތަށް ކުރައްވާފައި ވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރި ޙުކުމާމެދު ސްޕްރީމް ކޯޓުން އަންގާރަ ދުވަހު ޙުކުމްކުރަން ތާވަލުކޮށްފައިވާއިރު، ރ. ފުއްގިރި ވިއްކައިގެން ލިބުނު މިލިއަނަކަށްވުރެ ގިނަ ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި މައްސަލާގައިވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަނީ ޝަރީޢަތް ހިންގަމުންނެވެ.