ކާމިޔާބު ކަމާއެކު "ދި ވޮއިސް ކިޑްސް ރަޝިއާ"ގެ ދެވަނަ ބުރަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްގެ ދަރިފުޅު، ލަވަ ކިޔުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ) ދަތުރުކޮށްފި އެވެ.

މިއީ މި މުބާރާތުގައި ދިވެއްސަކު ބައިވެރިވެ ދެ ވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އެލީ ކުރި ޓްވީޓެއްގައި ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ރިކޯޑިންގ ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގައި ކަމަށެވެ. އަދި ކުރިޔަށް އޮތް ރައުންޑް، ޕްރޮޑިއުސަރުންގެ އޮޑިޝަނަށް ކޮލިފައިވެފައިވާކަން އެނގުނީ އިއްޔެ ކަމަށް އޭނާ ބުންޏެވެ.

އެލީ ބުނީ ވޮއިސް ކިޑްސް ރަޝިއާގެ އޮންލައިން އޯޑިއެންސްގައި ބައިވެރިވުމަށް ޖޫން މަހުން ފެށިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އަދި ކުރިޔަށް އޮތް ރައުންޑު ކާމިޔާބު ވެއްޖެނަމަ ލައިވް ޝޯއިން އޭނާ ފެނިގެންދާނެކަމަށް ބުނެފައިވެއެވެ.

ދަރިފުޅަށް ހިތްވަރު ދެއްވުމުގެ ގޮތުން ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިއްޔެ ދިމާވި އެންމެ އުފާވެރި ކަންތައް ކަމަށެވެ.

އެލީގެ ބުރަ މަސައްކަތާއި ހިތްވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން ބައިވެރިވާ މި ލަވަ މުބާރާތުގެ ޕްރޮޑިއުސަރުންގެ އޮޑިޝަނަށް ކޮލިފައިވެފައިވާކަން އޭނާ ފާހަގަކުރީ ފަހުރުވެރިކަމާ އެކުއެވެ.