އައްޑޫ ސިޓީގައި ކޮވިޑް ކޮންޓްރޯލްނުވެ ފެތުރެމުންދާތީ އިތުރު ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ނިންމައިފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫގެ ކޮވިޑް ޓާސްކު ފޯހާއި ބައްދަލުކޮށް އެ ސިޓީގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އައްޑޫގެ ހާލަތު ރަނގަޅު ނޫން ކަމަށާއި ކޮވިޑްގެ ނަމްބަރުތައް މިހާރު ހުރި ގޮތުން އިތުރު ފިޔަވަޅުތަކެއް ނެތި ކުރިއަށް ދިޔުން އުނދަގޫވާނެކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ މިހާރު މުޅި ރާއްޖެއިންވެސް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވާ އެއް ސިޓީއަކީ އައްޑޫ ސިޓީ ކަމަށެވެ.

އައްޑޫ ސިޓީގައި ބަލި ކޮންޓްރޯލުކުރުމަށް މިހާރުވެސް ފިޔަވަޅުތަކެއް އަޅާފައިވާއިރު އެ ސީޓިގައި އަންނަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއުވެސް ހިންގަމުންނެވެ.

އެހެންނަމަވެސް މި ފިޔަވަޅުތަކާއެކުވެސް ބަލި ކޮންޓްރޯލްކުރެވިފައި ނުވާއިރު އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 290 އަށް އަރާފައެވެ.

ނިޒާރު ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓީގައި ހަލުވި ކަމާއިއެކު ބަލި ފެތުރޭ ކަމަށާއި ފުރަބަންދު ކުރުމުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ކޮންޓްރޯލު ކުރެވޭނެ ކަމަށާއި އެހެންނަމަވެސް އާންމުންނަށާއި ވިޔަފާރިތަކަށްވެސް އެ ފިޔަވަޅުގެ ސަބަބުން އުދަގޫތަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ.

އަދި އެ ފިޔަވަޅުވެސް އެޅެން ނެތް. ލަސްތަކެއްނުވެ އިތުރު ފިޔަވަޅުތަކެއް އަޅާނަން.އަދި އެކަން ލަސްވަމުން ދަނީ އެޗްޕީއޭގެ ހުއްދައާއި އެކީ އެކަން ކުރަން ޖެހޭތީ."
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގައި އޮގަސްޓް މަހުން ފެށިގެން ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނައިރު އެ ސިޓީއިން މިހާތަނަށް މި ބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ.