މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް ފަރާތުން ކުރުމަށް ހަމަޖެހިފައިވާ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައިވަނީ މި މަސައްކަތަށް ބޭނުންވަނީ އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު ފިރިހެނެއް ކަމަށެވެ.

އަދި މި މާގަމަށް ހޮވާ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުމުގެ އިތުރަށް ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުން ހިމެނެއެވެ.

އަދި މީގެ އިތުރަށް ޢުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުމާއި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަގާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ތިރީސްވަނަ ދުވަހުގެ ހަވީރު 15:00ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް އެކުންފުނީގެ އީމެއިލް [email protected] އަށް ހުށަހެޅުމަށްވެސް އެ ކޯޕަރޭޝަނުން އެދެއެވެ.

ފޯމު ކުންފުނީގެ ވެބްސައިޓް www.mhcl.mv އަދި ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.