ދިވެހިރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑެތި އިޖުތިމާއީ އެތައް ކަމެއް އެބަހުރިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔަތުގައި ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލުނުވެ އޮތް ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރުމުގެ ބިންގާ ކަމަށާއި އެއީ އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެންދާނެ ބިންގާ ކަމަށެވެ.

ދިވެހިރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑަތި އިޖުތިމާއީ އެތައް ކަމެއް އެބަހުރި ކަމަށާއި އަދި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާލާއިރު މިގައުމުގައި ކުރިއަރާ ތަރައްގީވެ ކުރިއަށްދިއުމުގެ ގިނަ ވިސްނުންތައް އެބަހުރި ކަމަށާއި ނަމަވެސް އޭގެތެރެއިން އެންމެބޮޑަށް ގަބޫލުކުރެވެނީ އިގްތިސާދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިއްމު ސަބަބެއް ކަމުގައި ކަމަށެވެ.

އެކަމަށްޓަކައި އެންމެނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްޤީއާއި ކުރިއެރުމަށް. އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިޤްތިސާދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެފަދަ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިގްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިހުރި ކަންކަންކަމަށެވެ.

އެހެންކަމުން މިގައުމުގައިވެސް ކުރިއަރާ އުފާވެރި މުޖުތަމައުއެއް ލިބެން ބޭނުންކަމުގައިވާ ނަމަ އެމަގުން ހިނގުން އެއީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއަދު މިކުރިމަތިލާ މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ އެންމެން އެކުވެ, ގުޅި ލާމެހިގެން ކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި, ޖަމްއިއްޔާ ޖަމާއަތްތަކާއި, މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެންކަމަށް ވިދާޅުވެފައެވެ.

އެއީ އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވޭނެ ގޮތަކީ. ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން. އެއަށްފަހު އެފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ."
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވަނީ މިސަރުކާރު ހަވާލުވެ މިދެންނެވި މައްސަލަތަކުގެ ހާލަތު ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްތައް ފަށައިގަންކަން ފާހަގަކުރައްވާ މިއަދު މިއެޅުނު ބިންގަލަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މައްޗަށް ކުރެވުނު މަސައްކަތްތަކުގެ މުހިއްމު އެއް މަސައްކަތުގެ ބިންގާ ކަން ފާހަގަކުރައްވާފައެވެ.

އަދި މިމަސައްކަތް ފުރިހަމަވެ ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކުޑަހުވަދޫއަކީ މިކަމަށް ވަރަށް ލާއިޣު ރަށެއް ކަމަށެވެ.