ކޮރޯނާވައިރަހުގެ އައު ވޭރިއަންޓާ ގުޅިގެން އިންޒާރުތައް ނެރެފައި ވަނިކޮށް ދެކުނު އެފްރިކާގެ ގިނަ ގައުމުތަކަކުން އިނގިރޭސި ވިލާތަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހޭ ގޮތަށް ހަދައިފިއެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ޖީއެމްޓީ ގަޑިން 12:00 އިން ފެށިގެން 6 ގައުމެއް އެ ގަައުމުގެ ރެޑް ލިސްޓަށް އިތުރުކުރާނެ ކަމަށާއި، މިއާއެކު އެ ގައުމުތަކާއި އިނގިރޭސިވިލާތާއި ދެމެދުގައި ވައިގެ މަގުން ދަތުރުކުރުން ވަގުތީ ގޮތުން މަނާވާނެ ކަމަށެވެ.

އެ 6 ގައުމަކީ ދެކުނު އެފްރިކާ، ނެމީބިއާ، ޒިމްބާބްވޭ، ބޮޓްސްވާނާ، ލެސޯތޯ އަދި އެސްވަތީނީއެވެ.

"ބީ.529.1.1" ނަމަކަށް ކިޔާ މި ވޭރިއަންޓަކީ "މިހާތަނަށް ފެނުނު އެންމެ ނުބައި ވޭރިއަންޓް"ގެ ގޮތުގައި ސިއްހީ ތަޖުރިބާކާރުން ސިފަކުރައްވާފައިވާއިރު، މިހާރު އުފައްދާފައިވާ ކޮވިޑް-19 ވެކްސިންތަކުން މި ވޭރިއަންޓުން ދިފާއު ނުވާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.

އިނގިރޭސިވިލާތުން މި ފިޔަވަޅުތައް އެޅި އިރު، އެ ގައުމުން އެއްވެސް މީހަކު މި ވޭރިއަންޓަށް އަދި ޕޮޒިޓިވް ނުވެ އެވެ.

ދެކުނު އެފްރިކާ، ހޮންގްކޮންގް އަދި ބޮޓްސްވާނާއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ އެންމެ 59 މީހުންނެވެ.

ޖާވިދު ވިދާޅުވާ ގޮތުގައި، އާ ވޭރިއަންޓާ މެދު ސައިންސްވެރިން "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށާއި، ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ހޯދަން ޖެހޭ ކަމަށެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި މި ވޭރިއަންޓުގައި ވަރަށް ގިނަ މިއުޓޭޝަންތައް އެބަހުރި ކަމަށާއި އެއީ "ޑެލްޓާ ވޭރިއަންޓްގައި ފެނުނު މިއުޓޭޝަންތަކުގެ އަދަދު ދެގުނައަށް އިތުރުވެދާނެ" ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެ ސަބަބުން މިހާރު ހުރި ވެކްސިންތަކުން އެ ވޭރިއަންޓަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށެވެ.