ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ އިސްވެ ހުންނަވާ ޕާޓީގެ ހަރަކާތެއް ފ.ނިލަންދޫގައި ފަށައިފިއެވެ.

މި ދަތުރާ ގުޅޭގޮތުން ވީނިއުސްއާ ވަހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ނިލަންދޫއަށް ކުރާ މިދަތުރަކީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ފަށާފައިވާ "ރަށު ދަތުރު"ގެ ތެރެއިން ދަތުރެއް ކަމަށާއި މި ދަތުރަކީވެސް ކަނބަލުން އަދި ވަކިން ޙާއްސަކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އިސްނަންގަވައިގެން ކުރައްވާ ދަތުރެއް ކަމަށެވެ.

މިދަތުރުގެ ތެރެއިންވެސް ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން ގުޅިގެންދާނެކަމީ އަޅުގަނޑުމެން ޝައްކުކުރާނެ ކަމެއްނޫން. އެއާއެކުގަ އަޅުގަނޑުމެންގެ ޕާޓީ މިހާރު އިތުރަށް ހަރަކާތްތެރިވަމުންދާއިރު މިއަދުވެސް ރާއްޖޭގެ ތިން ސަރަހައްދެއްގަ އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށްދާނެ."
ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހް

އަދި މި ދަތުރުގައި ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދު އާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އިތުރަށް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 15 ކަނބަލުން ބައިވެރިވާ ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

މެމްބަރުން އިތުރުކުރުމަށާއި ޕާޓީއާއި މެދު އާންމު ރައްޔިތުންދެކޭ ގޮތް އޮޅުންފިލުވުމަށް މިމަހުގެ ވިހިވަނަ ދުވަހު ހެންވޭރުގައިވެސް ޖޭޕީން ވަނީ ޙައްސަ ހަރަކާތެއް ބާއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްނަންގަވައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ފެށީ މިމަހުގެ އެގާރަވަނަ ދުވަހުއެވެ.

މި ސިލްސިލާގެ އެންމެ ފުރަތަމަ ދަތުރުގައި ގޮސްފައިވަނީ ކ. ދިއްފުއްޓަށެވެ.

މިއީ ޕާޓީގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި ފެށުނު އައު މަސައްކަތެއް ކަމަށާއި މިފަހަރު މަސައްކަތް ފަށާފައިވަނީ އައު ބާރަކާއި، އައު ކުރިއެރުންތަކާކާއި އެކުގައިކަމަށް އެ ޕާޓީން ދެކެއެވެ.

މިއަދުގެ ހަރަކާތަކީ މިގޮތުން ބޭއްވި ފަސްވަނަ ހަރަކާތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.