ފ.ނިލަންދޫ ރައްޔިތުންނަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް އިހުތިރާމް ކުރާ ބައެއް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި އެ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ނަހުލާ މިހެން ވިދާޅުވީ އެކަމަނާ އިސްވެ ހުންނަވާ ޖުމްހޫރީ ޕާޓީގެ ހަރަކާތެއް ފ.ނިލަންދޫގައި ފަށައިގެން ކުރިއަށްދާތީ އެކަމާ ގުޅޭގޮތުން ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ ޖޭޕީގެ ކަނބަލުން އިސްނަގައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށްޓަކައި ކުރަމުންމިދާ ދަތުރުތަކަކީ ވަރަށް މުހިންމު ދަތުރުތަކެއް ކަމަށާއި މިކަމުގެ ސަބަބުން ޕާޓީގެ ކުރިމަގަށް ވަރަށް ބޮޑު ކާމިޔާބެއް އަންނާނެ ކަމަށެވެ.

ނިލަންދޫ ރައްޔިތުންނަކީ ފެށުނީއްސުރެ ގާސިމް އިބްރާހީމް ދެކެ ވަރަށް ލޯބިވާ އަދި އިހުތިރާމް ކުރާ ބައެއް ކަން މިނިސްޓަރ ނަހުލާ ފާހަގަކުރެއްވިއެވެ.

ކަނބަލުން އިސްނަގައިގެން ކުރާ ކޮންމެ ކަމެއް ކާމިޔާބުވާނެކަން އަޅުގަނޑު ގަބޫލުކުރާތީ. ދެން މިހާތަނަށް ޖުމްހޫރީ ޕާޓީގެ ކަނބަލުން އިސްނަގައިގެން މިކުރާ މަސައްކަތްތަކަށް އަޅުގަނޑު އަމިއްލަ ނަމުގަ އަދި ޕާޓީގެ ނަމުގެ އިތުރަށް ލީޑަރުގެ ނަމުގަ ކަނބަލުންނަށް ޝުކުރު ދަންނަވަން. ވަރަށް މުހިންމު މަސައްކަތެއް ޕާޓީން ފައްޓައިގެން މިއުޅެނީ."
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ

ނިލަންދޫ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ނަހުލާ ވަނީ އެ ރަށުން ޖޭޕީއަށް ގުޅުނު ހުރިހާ މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ.

އަދި ޕާޓީގެ މިދަތުރުތައް ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ނަހުލާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މި ދަތުރުގައި ޕާޓީގެ ނައިބު ރައީސް އަޙުމަދު ސައުދާއި ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ 15 ކަނބަލުން ބައިވެރިވެވަޑައިގަންނަވާ ކަމަށް އެ ޕާޓީން ބުނެއެވެ.

މެމްބަރުން އިތުރުކުރުމަށާއި ޕާޓީއާއި މެދު އާންމު ރައްޔިތުންދެކޭ ގޮތް އޮޅުންފިލުވުމަށް މިމަހުގެ ވިހިވަނަ ދުވަހު ހެންވޭރުގައިވެސް ޖޭޕީން ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ.

ޖުމްހޫރީ ޕާޓީގެ މެމްބަރުން އިސްނަންގަވައިގެން ޕާޓީއަށް މެމްބަރުން އިތުރުކުރުމަށާއި، ޕާޓީގެ މަސައްކަތްތައް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ފެށީ މިމަހުގެ އެގާރަވަނަ ދުވަހުއެވެ.