ކޮވިޑް_19ގެ އައު ވޭރިއަންޓާއި ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ހެލްތު އެމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސަލިހް ވިދާޅުވެއްޖެއެވެ.

އައު ވޭރިއަންޓް"'އޮމަކްރޯން"އާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކައި ގުޅޭގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން އަޅާނެ ފިޔަވަޅުތައް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ މަޝްވަރާގެ މަތިން ނިންމަވާނެ ކަމަށާއި އައު ވޭރިއަންޓަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ދެމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހަފްތާގެ ތެރޭގައި ސިއްހީ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ އިތުރުން އެއާޕޯޓްގެ ޕްރޮންޓްލައިން މުވައްޒަފުންނަށްވެސް ބޫސްޓާ ޑޯޒް ދޭން ފެށޭނެ ކަމަށެވެ.

ސައުތު އެފްރިކާއިން ފެނުނު އައު ވޭރިއެންޓަކީ ގައިން ގަޔަށް އާދަޔާ ޚިލާފަށް ފަސޭހަކަމާއެކު ފެތުރިގެން ދިއުމުގެ ގާބިލްކަން ލިބިފައިވާ ވޭރިއަންޓެކެވެ.

މި ވޭރިއަންޓުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް އެގައުމުގެ ރައްޔިތުންނަށް ނުވަދެވޭ ގޮތަށް އަނެއްކާވެސް ބަންދު ކުރަން ވަނީ ފަށާފައެވެ.

ކޮވިޑު އައު ވޭރިއަންޓު ފެނުނުކަން ދުނިޔޭގެ ސިއްހަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއް ގޮތުގައި ބަލައި، މި ވޭރިއަންޓަށް އޮމަކްރޯންގެ ނަމުން އެ ޖަމީއްޔާއިން ވަނީ ނަންދީފައެވެ.