ހިޔާ ފްލެޓްތަކަށް މާދަމާއިން ފެށިގެން އަލުން ފެން ބިލް ފޮނުވަން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސް) އިން ނިންމައިފިއެވެ.

މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ފްލެޓްތަކަށް މާދަމާ ފެން ބިލް ފޮނުވަން ފަށަނީ މީގެކުރިން ފްލެޓްތަކަށް ފެން ބިލް ފޮނުވުމުން ބައެއް ފްލެޓްތަކުން ފާހަގަކުރި މައްސަލަކާ ގުޅިގެން އެ މައްސަލަތައް ބަލައި ދިރާސާކުރުމަށްފަހު ކަމަށެވެ.

ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ބޭނުން ކޮށްފައިހުރީ އެމްޑަބްލިއުއެސްސީ ބޭނުންކުރާ ބާވަތުގެ ހޮޅިކަމަށް ނުވާތީ މައްސަލައެއް ދިމާވެއްޖެނަމަ ހޮޅިތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނުވެސް އެ ކުންފުނީގައި ނެތް ކަމަށެވެ.

ބައެއް ފްލެޓްތަކުގެ ފެން ބިލް ބޮޑުވާ މައްސަލާގައި ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ބޭނުންކުރާ ގިނަ މީޓަރުތަކެއްގައި މައްސަލަ އެބަހުރި ކަމަށާއި ފެން ބިލް ބޮޑުވަނީ އެތަނުގައި ބޭނުންކޮށްފައިހުރި ހޮޅިއާއި މީޓަރުތަކެއްގެ ކަމުގެ ސަބަބުން ކަމަށެވެ.

ޝާހް ވިދާޅުވީ ފެން ބިލްގެ މައްސަލަތައް ބެލުމުން 4،000 އެއްހާ ފްލެޓްގެ ބިލްގައި އެއްވެސް މައްސަލައެއް ނެތްކަމަށް ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން މާދަމާއިން ފެށިގެން ބިލް ފޮނުވާނީ މައްސަލަތައް ނެތް ފްލެޓްތަކަށް ކަމަށެވެ.

ހިޔާ ފްލެޓްތަކަށް މާދަމާ ބިލް ފޮނުވަން ނިންމާފައިވަނީ ތިން މަހުގެ ބިލް އެއްފަހަރާއެވެ. ނަމަވެސް ބައިބަޔަށް ބަހާލައިގެން ބިލްތަކަށް ފައިސާ ދެއްކުމުގެ ފުރުސަތު ދީފައިވެއެވެ.

ބިލްތަކަށް ފައިސާ ދައްކަން އެއްބަސްވާ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައިފިނަމަ ޖޫރިމަނާ ނުނަގަން އެމްޑަބްލިއުއެސްސީން ވަނީ ނިންމާފައެވެ.

ޝާހް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި އަދިވެސް ރަޖިސްޓްރީ ނުކުރާ މީޓަރުތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ.

މަދަމާއިން ފެށިގެން ސައްހަ މީޓަރުތަކަށް ފެން ބިލް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާ އިރު، މިހާރު ފެން މީޓަރަށް ރަޖިސްޓަރ ނުކޮށް ހުރި ހިޔާ ފްލެޓްގެ ވެރިފަރާތްތަކުން އަވަހަށް ރަޖިސްޓަރ ކުރުމަށް ހުށަހެޅުމަށް އެމް.ޑަބްލިޔު.އެސް.ސީން އިލްތިމާސްކުރެއެވެ.

އަދި ކުރިއަށް އޮތް ހަފްތާގައި ގާއިމްކުރެވިގެންދާ ހެލްޕްޑެސްކު މިކަމަށް ބޭނުންކުރެވޭނެ ކަމަށްވެސް ބުނެއެވެ.