ދަތުރުފަތުރު ކުރުމަށް ދޭން އެކަށައަޅާފައިވާ ލުއިތައް އަލުން މުރާޖައާކުރަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ކަމާބެހޭ އޮފިޝަލުންނަށް އަމުރު ކުރައްވައިފިއެވެ.

މޯދީ މިކަމަށް އަމުރު ކުރެއްވީ، އިންޑިއާގެ ކޮވިޑްގެ ހާލަތާއި، ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ހާލަތު ވަޒަންކުރުމަށް ކަމާބެހޭ އޮފިޝަލުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މޯދީ މިކަމަށް އަމުރު ކުރެއްވީ، ދެކުނު އެފްރިކާއިން އަލަށް ފެނިގެން އުޅޭ ކޮވިޑް ވައިރަހުގެ އައު ވޭރިއެންޓް، އޮމިކްރޮންއާ ގުޅިގެން އިންޑިއާގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.

އިންޑިއާއަކީ ކޮވިޑް ބަލީގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ ގައުމެވެ.

އަލަށް ފެނިގެންއުޅޭ ވޭރިއެންޓާ ގުޅިގެން އިންޑިއާއަށް އަންނަ ފަތުރުވެރިން ކޮވިޑަށް ޓެސްޓްކުރަން ފަށަން އިންޑިއާ ސަރުކާރުން ހުކުރު ދުވަހު ނިންމާފައި ވެއެވެ.

އެގޮތުން، ކޮވިޑަށް ޓެސްޓްކުރަން ފުރަތަމަ ކަނޑައެޅީ، ދެކުނު އެފްރިކާއިން ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓް ފެތުރުމުގެ ރިސްކްއޮތް ގައުމުތަކުން އަންނަ ފަތުރުވެރިންނެވެ. އަދި ސަރަހައްދީ އިންތަކުން އިންޑިއާއަށް އެތެރެވާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ފެށުމަށްވެސް ސަރުކާރުން އިއްޔެ ނިންމިއެވެ.

ނަމަވެސް، އޮމިކްރޮން ވޭރިއެންޓަކީ "ކަންބޮޑުވާ" ވޭރިއެންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީވަނީ، ބޭރުން އަންނަ ހުރިހާ މަތިންދާ ބޯޓްތައް މޮނިޓަރ ކުރުމަށާއި، ފަތުރުވެރިން ޓެސްޓްކުރުމާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ދޭތޯ ބެލުމަށް އަމުރު ކުރައްވާފައެވެ.

ޚާއްސަކޮށް، އޮމިކްރޮން ވޭރިއެންޓުގެ ރިސްކްއޮތް ގައުމުތަކުން އަންނަ މީހުން ޓެސްޓްކުރުމާއި، އެމީހުންގެ ކަންކަން ގާތުމަށް ބަލައި ވަޒަން ކުރަމުން ދިއުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިންނަށް މޯދީ އަމުރު ކުރެއްވި ކަމަށް އިންޑިއާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަން ގާއިމްކުރުމަށްވެސް މޯދީވަނީ އާންމުންނަށް އިލްތިމާސް ކުރައްވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، ދެކުނު އެފްރިކާއިން ފުރަތަމަ ފެނުނު އޮމިކްރޮން ވޭރިއެންޓް ތަފާތު އެތައްގޮތަކަށް އަދި ކުރިން ފެނިފައިވާ ވޭރިއެންޓްތަކަށްވުރެ ހަލުވިކޮށް މީހުންގެ މެދުގައި ފެތުރޭ ވޭރިއެންޓެއް ކަމަށެވެ.

މި ވޭރިއެންޓްގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މިހާރުވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. އަދި ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.