ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ނ.ކެނދިކުޅުދޫގައި ކުރަމުންދާ ކޭމްޕުގެ ތެރެއިން، އެރަށުން ހޮވާލެވުނު ޓީމަކާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗަކުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
އެންމެފަހުގެ ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާއިން ކެނދިކުޅުދޫ ފުޓްބޯޅަ ކުލަބު އަތުން ކުރިހޯދީ 0-9 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ނުވަ ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްފައިވަނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. ދެން އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، ދެ ލަނޑު ޖެހި އިބްރާހިމް ވަހީދު ހަސަން އާއި ހަސަން ޝިފާޒް، ހައިޝަމް ހަސަން، މުހައްމަދު އިރުފާން، މިއިން ކޮންމެ ކުޅުންތެރިއަކު ކާމިޔާބުކުރި ލަނޑެވެ.
މި މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ކެނދިކުޅުދޫއަށް ވަޑައިގެން މި މެޗުގައި މެހެމާނެއްގެ ގޮތުގައި ކުޅެފައެވެ.
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ކެނދިކުޅުދޫގައި ފަށާފައިވާ މި ކޭމްޕު 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.
މި ކޭމްޕުގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން، މާޒިޔާއިން ވަނީ މޮޅެތި ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރް ލިމްބޫ އާއި، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ އިތުރުން ޒުވާން ތަރި ހައިޝަމް ހަސަން (ބިޑި)ގެ ސޮއި މާޒިޔާ އިން ވަނީ ހޯދާފައެވެ.
މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ.
އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން އައު ސީޒަން ފަށާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަމުގެ ހައިސިއްޔަތުން މާޒިޔާ އާއި ރަނަރަޕްކަން ހޯދި ޓީމުގެ ހައިސިއްޔަތުން ކުލަބް ކުލަބް ވެލެންސިއާ އެވެ.