މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާ ވޭރިއެންޓެއް ކަމަށްވާ އޮމިކްރޯން އިން ރައްކާތެރިވުމަށް ގައުމުތަކުން ދުރާލާ ފިޔަވަޅުތައް އެޅުމުން، މި ވޭރިއެންޓް ފުރަތަމަ ފެނުނު ދެކުނު އެފްރީކާއަށް އެ ގައުމުތައް ގޯސްވެއްޖެއެވެ.

ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ގިނަ ގައުމުތަކަކުން ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އޮތުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

އެ މަނާކުރުންތަކަކީ ދެކުނު އެފްރިކާގެ ކުރިއަރާފައިވާ ޖެނޯމިކް ސީކުއެންސިން އާއި އާ ވޭރިއަންޓްތައް އަވަހަށް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާތީ "އަދަބު ދިނުން" ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށް އެ ވުޒާރާގެ ބަޔާނުގައި ބުނީ "މޮޅު ސައިންސަށް ތައުރީފު ކުރަން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އަދަބު ދޭން ނުޖެހޭ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ ދުނިޔޭގެ އެހެން ތަންތަނުން އާ ވޭރިއަންޓްތައް ފެނުނު އިރު ރިއެކްޝަން މުޅިން ތަފާތު ކަމަށެވެ.

އެފްރިކަން ޔޫނިއަންގެ އޮފިޝަލަކު ބައިނަލްއަގުވާމީ މީޑިއާގައި ވިދާޅުވީ، މި ވޭރިއަންޓް އުފެދުމުގެ ޒިންމާ އުފުލަންޖެހޭނީ ތަރައްގީވެފައިވާ ގައުމުތަކުން ކަމަށެވެ.

ސައިންސްވެރިންގެ ހޯދުންތަކުންނާއި ހެކިތަކުން ދައްކާ ގޮތުގައި އޮމައިކްރޯން އަކީ މިހާތަނަށް ފެނުން އެންމެ ނުރައްކާ ކޮރޯނާވައިރަހުގެ ބާވަތެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހުކުރު ދުވަހު ބުނީ އާ ވޭރިއަންޓަކީ "ކަންބޮޑުވާ" ވޭރިއަންޓެއް ކަމަށެވެ.

އެފްރިކާ އަދި ޔޫރަޕުން މިހާރު ގިނަ ކޭސްތަކެއް ފެނިފައިވާއިރު، އިނގިރޭސިވިލާތުން ދެ ކޭސް، ޖަރުމަނުވިލާތުން 2 ކޭސް، ބެލްޖިއަމްއިން 1 ކޭސް އަދި އިޓަލީން 1 ކޭސް ވަނީ ފެނިފައެވެ. ހަމައެހެންމެ، ޗެކް ރިޕަބްލިކުން ވެސް ވަނީ ޝައްކު ކުރެވޭ ކޭސްއެއް ފެނިފައެވެ.

މި ގައުމުތަކުގެ އިތުރުން، އާ ވޭރިއަންޓް އޮމިކްރޯންގެ ކޭހެއް ފެނިފައިވާ އިޒްރޭލުން ވަނީ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ބޭރު ގައުމުތަކުގެ ހުރިހާ އެންމެން އެގައުމަށް އެތެރެވުން މަނާކުރުމަށް ނިންމާފައެވެ.

މި ފިޔަވަޅު 14 ދުވަހަށް ދެމިގެންދާނެ ކަމަށް ޓައިމްސް އޮފް އިޒްރޭލް އިން ރިޕޯޓްކޮށްފައި ވެއެވެ. އަދި ބޮޓްސްވާނާ އާއި ހޮންގްކޮންގް އިން ވެސް އާ ވޭރިއަންޓްގެ ކޭސްތަކެއް ވަނީ ކަށަވަރުކުރެވިފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުންވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެ ގައުމަށް އެތެރެވާ ފަތުރުވެރިން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރުން މަޖުބޫކުރުމުގެ އިތުރުން، ރެޑް ލިސްޓްގައި އެފްރިކާ ބައްރުގެ ގައުމުތަކެއް ހިމެނުން މި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ވޭރިއަންޓަކީ "މިހާތަނަށް ފެނުނު އެންމެ ނުރައްކާ ވޭރިއަންޓް" ގެ ގޮތުގައި ސިއްހީ ތަޖުރިބާކާރުން ސިފަކުރައްވާފައި ވާއިރު، ދިވެހިރާއްޖެއިންވެސް ވަނީ ދުރާލާ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން، ދެކުނު އެފްރިކާ، އަދި އެ ސަރަހައްދުގެ ހަތް ގައުމަކުން ރާއްޖެއަށް މީހުން އެތެރެވުން އިއްޔެ ވަނީ މަނާކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ އަދި އެސްވަޓިނީއެވެ.

އޭގެ ތެރޭގައި ރާއްޖެއަށް އައުމުގެ 14 ދުވަސްކުރިން އެ ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުންވެސް ހިމެނޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ސިއްހީ މާހިރުން ވިދާޅުވަނީ، އާ ވޭރިއަންޓާމެދު ސައިންސްވެރިން "ވަރަށް ބޮޑަށް ކަންބޮޑުވާ" ކަމަށާއި، ނަމަވެސް އެކަމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދަންޖެހޭ ކަމަށެވެ. އަދި މި ވޭރިއަންޓުގައި ވަރަށް ގިނަ މިއުޓޭޝަންތައް އެބަހުރި ކަމަށާއި އެ އަދަދު ޑެލްޓާ ވޭރިއެންޓަށް ވުރެ ދެގުނަ އިތުރު ކަމަށް ވެސް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

މީގެ ސަބަބުން މިހާރު ހުރި ވެކްސިންތަކުން އެ ވޭރިއަންޓަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.