މަތިންދާ ބޯޓެއްގެ ލޭންޑިންގ ގިއަރު ކޮމްޕާޓްމަންޓް ތެރޭ ފިލައި އޮވެ ދަތުރުކުރި މީހަކު މަރުނުވެ ސަލާމަތް ވެއްޖެއެވެ.

މިހާދިސާ ހިނގާފައިވަނީ އިއްޔެއެވެ.

އުމުރުން 26 އަހަރުގެ ފިރިހެނަކު ފިލައި އޮތީ އެމެރިކަން އެއަރލައިންސްގެ މަތިންދާ ބޯޓެއްގެ ލޭންޑިންގ ގިއަރު ކޮމްޕާޓްމަންޓް ތެރޭގައެވެ.

އެ ބޯޓު ދަތުރުކުރީ މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ގުއަޓިމާލާއިން އެމެރިކާގެ ސިޓީއެއް ކަމަށްވާ މަޔާމީއަށެވެ. އެއީ، ދެގަޑިއިރާއި ބައިގެ ދިގު ދަތުރެކެވެ.

ލޭންޑިންގ ގިއަރު ކޮމްޕާޓްމަންޓް ތެރޭ ފިލާއޮތް މީހާ، މަޔާމީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަތިންދާ ބޯޓް ޕާކްކުރާ ސަރަހައްދުގެ ބިންމަތީގައި އިށީނދެ އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ކޮށްފައި ވެއެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާގެ މޫނުމަތިން ވަރުބަލިވެފައިވާކަން ދޭހަވި ނަމަވެސް އޭނާ ހުރީ ގަދަވެ ސަލާމަތުންނެވެ.

އެމީހާ ލައިގެން ހުރީ ނޫކުލައިގެ ޖީންސަކާއި، ޓީޝާޓަކާއި ޖެކެޓެކެވެ. އަދި ހުރީ ބޫޓަށް އަރައިގެންނެވެ.

އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަތިންދާ ބޯޓުގެ ލޭންޑިންގ ގިއަރު ކޮމްޕާޓްމަންޓްގައި ދަތުރުކުރި މީހާއަށް އިމަޖެންސީ ފަރުވާ ދިނުމަށްފަހު މެޑިކަލް އެސެސްޓްމަންޓެއް ހެދުމަށް ފަހުން ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އެ ހާދިސާގެ ތަހްގީގު ކުރިއަށްދާ ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކަން އެއަރލައިންސްއިން ނެރުނު ބަޔާނުގައި މިހާދިސާއާ ބެހޭ މާގިނަ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ، ތަހްގީގަށް އެމީހާ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ގަވާއިދާ ޚިލާފަށް ނުވަތަ ވަގަށް އެމެރިކާއަށް އެތެރެވާން އުޅެނިކޮށް ވޭތުވެދިޔަ އަހަރު އެކަނިވެސް މެދުތެރޭ އެމެރިކާގެ ގައުމުތަކަށް ނިސްބަތްވާ 1.7 މިލިއަން މީހުން އަނބުރާ ފޮނުވާލާފައި ވާއިރު، އޭގެ ތެރެއިން ބޮޑު ނިސްބަތަކީ ގުއަޓިމާލާގެ މީހުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެމެރިކަން އެއަރލައިންސްގެ މަތިންދާ ބޯޓުގެ ލޭންޑިންގ ގިއަރު ކޮމްޕާޓްމަންޓްތެރޭ ފިލާއޮވެ ދަތުރުކުރި މީހާވެސް ޑިޕޯޓްކޮށްލާނެއެވެ.