އައްޑޫ ސިޓީ މީދޫއަށް އުފަން އަބްދުﷲ ވަސީމް ނުވަތަ މަޝްހޫރު ނަމުންނަމަ ވައްސޭ އަކީ ކުޑަ އިރުއްސުރެ ރަށުގެ ހާލަތު ބަދަލުކުރުމުގެ އުންމީދުގައި، އެކަމަށް ވިސްނާފިކުރުކޮށް ރަށުގެ ހާލަތު ބަދަލު ކުރުމަށްޓަކައި ވަރުގަދަ އިޖްތިމާއީ ރޫހެއްގައި މަސައްކަތްކުރަމުން ދިޔަ މީދޫ އެންމެންގެ އެކުވެރިއެކެވެ. ވައްސޭގެ ފަލްސަފާއަކީ އެބައެއްގެ ހާލަތު ބަދަލުކޮށްލެވޭނީ، އެބަޔަކު އަމިއްލައަށް ކަމެވެ.

ނިކަމެތި ހާލުގައި ބޮޑުވެ އުމުރުން އެންމެ ސޯޅަ އަހަރުގައި ދިރިއުޅުމަށްޓަކައި މަސައްކަތުގެ ދާއިރާއަށް ނިކުތް ވައްސޭ އެންމެ ފުރަތަމަ އަދާ ކުރި ވަޒީފާއަކީ ހެޔޮއެދޭ ފަރާތެއްގެ އެހީއާއި އެކު އައްޑޫ އަތޮޅު ގަމުގައި ފެކްޓްރީ ހިންގި ދުވަސްވަރު ގަމުން ލިބުނު ވަޒީފާއެކެވެ. ނަމަވެސް އެ ވަޒީފާއިން ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހަރަދުތަކާއި ނުބައްދަލު ކަމަށް ގަބޫލުކުރެވުނު ހިސާބުން ރިސޯޓަކަށް ދެވޭތޯ މަސައްކަތް ފެށިއެވެ. އެ މަސައްކަތް ކާމިޔާބުވެގެން ދިޔައީ މީހެއްގެ ދީލަތި އެހީތެރިކަމާއެކުގައި ކަން ފާހަގަކޮށް އޭނާ އެ ކަމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށް އޭނާ ބުނެއެވެ.

ޒަމާންތަކެއް ވަންދެން ރިސޯޓް ދާއިރާގައި މަސައްކަތް ކުރުމަށް ފަހު ރަށަށް އައިސް އެބުރި ރިސޯޓަކަށް ދާން ވައްސޭ ބޭނުން ނުވި އެންމެ ބޮޑު ސަބަބަކީ އަބަދުވެސް ރަށަށް ކޮންމެވެސް މަންފާއެއްލިބޭނެ ކަމެއް ކޮށްދިނުމަށް ހިތުގައި އުފެދިފައިވާ ޝައުގުވެރިކަމުގެ ބޮޑުކަމެވެ. އެހާ ހިސާބުން ވިސްނަން ފެށީ ރަށުގައި ހުރެގެން އެންމެ ރަނގަޅަށް ކުރެވޭނެ މަސައްކަތަކީ ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ކަމަށްވުމާއެކު އެމަސައްކަތް މަޑުމަޑުން ފެށީ ކަމަށްވެސް ވައްސެ ބުންޏެވެ.

އޭރު އެއްވެސް ވަރަކަށް އެ މަސައްކަތް ނޭގޭ. ދެން ވަރަށް ހިތްވަރު ކޮށްފަ އެ މަސައްކަތް ދަސްކުރީ.”
ވައްސޭ

ދަތި ހާލަތުގައި ފެށި ކޮންސްޓްރަކްޝަންގެ މަސައްކަތް މިހާރު ވަނީ އިތުރު ހަރުފަތަކަށް ގެނެވިފައިކަން ވައްސެ އުފަލާއެކު ފާހަގަކުރެއެވެ. އެގޮތުން އޭނާއަކީ މިހާރު އަމިއްލަ ކުންފުންޏެއް އުފައްދައިގެން ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތް ކުރަމުން އަންނަ ހިތްވަރުގަދަ މީހެކެވެ.

އެހެންނަމަވެސް އަލަތު ދަރިފުޅާއެކު ވަސީމްގެ ދިރިއުޅުން މާލެ ބަދަލުކޮށްލީ އެ ވަގުތު އެ ނޫން އެހެން ގޮތެއް ނެތުމުންނެވެ. މާލެ ބަދަލުވެ ގިނަ ދުވަސްތަކެއްވީ އިރުގައިވެސް ވަސީމް ބޭނުން ނުވި އެއްކަމަކީ އުފަން ރަށް ދޫކޮށް މާލޭގައި ދިރިއުޅުމެވެ. ދަރިފުޅުގެ އޯލެވަލް ނިމުމާއެކު ތަންމަތި ބަނދެ ރަށު ބޯޓައް ލީ ހަމަ ޔަގީނުންވެސް މާލޭގައި ދިރި ނޫޅެވިގެން ނޫން ކަމަށް ވަސީމް ބުނެއެވެ. ސަބަބަކީ އުފަން ރަށް ދޫކޮށްލަން ބޭނުން ނުވުމެވެ. އެ ފަސްގަނޑަށް ހިތުގައި އުފެދިފަ އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

ވަސީމް ބުނި ގޮތުގައީ އެނބުރި ރަށައް އައުމުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އެއީ ރަށުގެ ޒުވާން ޖީލުގެ ބޮޑުބައެއް މަސްތުވާތަކެތީގެ ވަބާގެ ތެރެއަށް ގޮސް ހުސްވެފައިވާތީއެވެ. ޒުވާނުން ތިބީ މުޖުތަމަޢު އިން ބާކީ ވެފައެވެ. ރަށުގެ އިޖްތީމާއީ އެއްވެސް މަސައްކަތެއް ނެތި ރަށްވަނީ ފަޅުވެފައެވެ.

ވަރަށް ދެރަވި ރަށުގެ ހާލަތު ފެނުމުން. ހިތަށް އެރި ކޮންމެވެސް ބަޔަކު އަމިއްލައަށް އިސްނަގައިގެންނޭ ރަށުގެ ހާލަތު ބަދަލުކުރެވޭނީ. އެހާ ހިސާބުން ރަށުގެ ޒުވާން ޖީލް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށް، ރަށުގެ އިޖްތިމާއީ ރޫހު އާލާކުރުމުގެ ގޮތުން "މުލިމަތި ޖަމިއްޔާ"ގެ ނަމުގައި ޖަމިއްޔާއެއް ވުޖޫދަށް ގެނެސް އިޖްތިމާއި މަސައްކަތައިގެން ކުރިއަށްދާން ފެށީ ރަށުގެ ކުރިމަގަށްޓަކައި ކުރަމުންދިޔަ ފޮނި އުއްމީދުތަކާއެކު."
ވައްސެ

2012 ވަނަ އަހަރު އުފެދިގެން ދިޔަ މުލިމަތި ޖަމިއްޔާ އާއި ރާއްޖޭގެ އެހެނިހެން މަޝްހޫރު ޖަމްމިއްޔާތައް ގުޅިގެން ސީދާ ވައްސޭގެ ބެލުމުގެ ދަށުން ޒުވާނުން މަސްތުގެ ވަބާއިން ސަލާމަތްކުރުމަށް ކުރަމުން ދިޔަ މަސައްކަތްތަަކަށް ގިނަ ހުރަސްތަކެއް ކުރި މަތިވެގެން ދިޔަ ނަމަވެސް ފަސް އެނބުރި ބެލުމެއް ނެތި ދިޔައީ ކުރިއަށެވެ. ކުރި މަސައްކަތުގެ ނަތީޖާވެސް އެހާމެ ރަނގަޅެވެ. ވަސީމްގެ އިސްނެގުމާއެކު ފެށި މަސައްކަތުން މުޅި ރަށުގެ އިޖްތިމާއީ ރޫހު އާލާވެ ރަށުގެ ޒުވާނުންގެ މެދުގައީ ތަފާތު ކުޅިވަރު މުބާރާތައް ބޭވި ރަށުގައި އެކި ހިސާބުތަކުން ތަފާތު ފެންނަންފެށި ކަމެކެވެ.

ރަށުގެ ޒުވާނުންގެ މެދުގައި ދީނީ ލޯބި އާލާކުރުމަށްޓަކައި ތަފާތު އެކި މުބާރާތްތަކާއި، ދަރުސްތައް ބޭއްވުމުގެ ސަބަބުން މުޅި މުޖްތަމައުއަށް އެކަމުގެ ގިނަގުނަ ފައިދާތައް ލިބިގެން ދިޔައެވެ.

ރަށުގައި އިޖްތިމާއީ މަސައްކަތެއް ކުރި ނަމަވެސް ވައްސޭގެ ބައިވެރިވުން އެކަމަކަށް ނުލިބޭ އެއްވެސް ކަމެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ރަށުގެ ޒުވާނުންނަށް ކުރިއަށް ދާނެ ފުރުސަތުތައް ހޯދައިދިނުމުގައި ވައްސޭ އަކީ ނަމޫނާއެކެވެ. ޒުވާން ކުދިންތަކެއް އިސްވެ އުފެއްދި "ވެށިފެހި މީދޫ"ގެ މަސައްކަތައް ވައްސޭ ދިން ހިތްވަރާއެކު ވެށިފެހި މީދޫ ޓީމާއި މުލިމަތިން ގުޅިގެން ރަށް ސާފުކުރުމުގެ މަސައްކަތް ވެގެން ދިއައީ އެ މަސައްކަތައް އިތުރު ބަޔަކު ނިކުންނަށް ލިބުނު ހިތްވަރަކަށެވެ.

ރަށް ވަށައިގެން ދުއްވޭގޮތަށް އޮންނަ ހަނިމަގު އިތުރަށް ފުޅާކުރުމުގެ މަސައްކަތް ފެށީ ވައްސެގެ މޭސްތިރިކަމުގެ ދަށުންނެވެ. މީގެ އިތުރުން ރަށަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކޮށް އެ މައްސަލަތައް ހައްލުކުރުމަށް ވައްސޭއަކީ އޭރުވެސް މިހާރުވެސް އެންމެ ގަދައަށް އަޑު އުފުލަމުން އަންނަ މީހެކެވެ.

ވަސީމް އަކީ މިހާރު އަމިއްލަ މަސައްކަތުން ސައުތް ޕާމް ރިސޯޓް ގައި ޑައިވިން ސެންޓަރެއް ހަދާ އެ ސެންޓަރުގެ މަސައްކަތް އަމިއްލައަށް ކުރަމުންދާ މީހެކެވެ.

ވަސީމް ބުނީ ސާފުތާހިރުކަމާއި ކުޅިވަރާއި، އެއްބައިވަންތަކަން އާލާވެގެން ދިޔައީ އެކުގައި މަސައްކަތް ކުރަން ނިކުމެތިބި ހީވާގި ރަހުމަތްތެރިންނާއި ރަށުގެ ރައްޔިތުންގެ ސަބަބަބުން ކަމަށެވެ. ވަސީމް ދެކޭ ގޮތުގައި އެކުވެރިކަމާ އެއްބައިވަންތަކަމަކީ ރަށެއް ކުރިއަރައި ދިޔުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.