އައްޑޫ ސިޓީ މީދޫ އެކުވެރިންގެ ޗޭނު ޖަމްޢިއްޔާއިން ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ބަދަހި ކަޕް މިއަހަރުވެސް އޮންނާނެ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފިއެވެ.

މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނެޓްބޯޅަ އެސޯސިއޭޝަނާއި ޗޭނު ޖަމްޢިއްޔާ ގުޅިގެންނެވެ.

މި މުބާރާތް ރާވާ ހިންގާ ފަރާތުން ވީނިއުސްއާ ވަހަކަ ދައްކަމުން ވިދާޅުވީ ހުޅުދޫ-މީދޫގައި ތިބި މުއައްސަސާތަކަށް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށާއި އަދި މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ޖަމްއިއްޔާއާ ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ޖުމުލަ 9 ޓީމުން ބައިވެރިވިއިރު، ސިޓީން ބޭރުގެ ގިނަ ކުޅުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.

ފާއިތުވެދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަނުންނަށް 5000 ރުފިޔާ ދީފައިވާއިރު، މި މުބާރާތަކީ ހުޅުދޫ-މީދޫގައި ބޭއްވޭ އެންމެ ބޮޑު ނެޓްބޯޅަ މުބާރާތްކަން ވެސް ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަނުންނަށް 10،000 ރުފިޔާ ދޭނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ. އަދި ދެވަނަ އަށްދާ ޓީމަށް 5،000 ރުފިޔާ ދޭންވެސް ވަނީ ނިމާފައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާއިރު، މުބާރާތް ފަށަން ހަމަޖެހިފައި ވަނީ ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ ފަނަރަވަނަ ދުވަހު ކަމަށް އެމްއީސީން މައުލޫމާތުދެއެވެ.