ބޭރު ގައުމުތަކުން އަންނަ ހުރިހާ ދަތުރުވެރިންނަށް މާދަމާއިން ފެށިގެން ޖަޕާނު ބަންދުކުރަން ޖަޕާނު ސަރުކާރުން ނިންމައިފިއެވެ.
މިކަން މިއަދު އިއުލާން ކުރެއްވީ ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއެވެ.
ޖަޕާނުގެ މި ގޮތަށް ނިންމީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް ވައިރަހުގެ އައު ވޭރިއެންޓް ކަމަށްވާ އޮމިކްރޯން ވައިރަސް ހުއްޓުވުމާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުންނެވެ.
ބޭރު ގައުމުތަކުގެ ދަތުރުވެރިންނަށް ޖަޕާނު ބަންދުކުރި ނަމަވެސް، ބޭރު ގައުމުތަކުގައި ތިބި ޖަޕާނުގެ ރައްޔިތުންގެ ތެރެއިން ވަކި ގައުމުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް އެނބުރި ގައުމަށް އެތެރެވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައި ވެއެވެ.
އެހެން ނަމަވެސް، ގައުމަށް އެނބުރި އަންނަ ރައްޔިތުން ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ވާންޖެހޭނެ ކަމަށް ބޮޑުވަޒީރު ކިޝިޑާ ވިދާޅުވިއެވެ.
ބޭރުން އަންނަ ހުރިހާ ދަތުރުވެރިންނަށް ޖަޕާނު ބަންދުކުރިއިރު އިސްރާއީލުންވެސް ވަނީ، ބޭރުން އަންނަ މީހުންނަށް ސަރަހައްދީ އިން ބަންދުކޮށްފައެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން އޮމިކްރޯން ވޭރިއެންޓް ފެނިފައިވާއިރު، ގައުމުތަކުން ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ކޮވިޑްބަލީގެ ހާލަތު ރަނގަޅުވާން ފެށުމާ ގުޅިގެން އޭޝިޔާގެ ގައުމުތަކުން ފިޔަވަޅުތަކަށް ލުއިދީ، ފަތުރުވެރިންނަށް އެ ގައުމުތައް ހުޅުވާލަން ފަށާފައިވާއިރު، އަލަށް ފެނުނު ވޭރިއެންޓުގެ ސަބަބުން އެކަމަށް މިހާރުވަނީ ހިޔަނި އެޅިފައެވެ.
އޭޝިޔާގެ ގައުމުތަކުން މިހާރުވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާފައެވެ.
އޭޝިޔާއިން ޖަޕާނު، ފިލިޕީންސް، ސިންގަޕޫރު، އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ދަތުރުފަތުރު ކުރުމުގައި ފިޔަވަޅުތައް ހަރުކަށި ކުރިއިރު، އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތައް، އެމެރިކާ އަދި އެފްރިކާގެ ދެކުނު ބިތުގެ ގައުމުތަކުންވެސް ގެންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.
އެހެން ނަމަވެސް، ކޮވިޑްގެ އައު ވޭރިއެންޓެއް ފެތުރެމުންދިޔަ ނަމަވެސް، ގައުމުތަކުން ދަތުރުފަތުރު ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަދުވަނީ ވާހަކަ ދައްކާފައެވެ.