ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް ވައިރަހުގެ އޮމިކްރޮން ވޭރިއެންޓްގެ ރިސްކް ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން ގައުމުތަކުން އެކަމަށް ތައްޔާރުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެ ޖަމްއިއްޔާގެ މެމްބަރު ހުރިހާ ގައުމަކަށް ގޮވާލައިފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިކަމަށް ގޮވާލީ، މެމްބަރު 194 ގައުމަށް ފޮނުވި ޓެކްނިކަލް އެޑްވައިސްގައެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، އަލަށް މިހާރު ފެނިގެންއުޅޭ އޮމިކްރޮން ވޭރިއެންޓް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުމުގެ ބިރު އެބައޮތް ކަމަށެވެ.

އެހެންކަމުން، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑްބަލި ވަރަށް ބޮޑަށް އިތުރުވެ، އޭގެ ސަބަބުން ހީވެސް ނުކުރާވަރުގެ ގެއްލުންތަކެއް ލިބިގެން ހިނގައިދާނެ ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިންވަނީ، ހައިރިސްކް ގްރޫޕްތަކަށް ވެކްސިޖެހުން އަވަސްކުރުމަށް މެމްބަރު ގައުމުތަކަށް ގޮވާލާފައެވެ.

ހަމަ އެއާއެކު، ބަލީގެ ހާލަތު ގޯސްވިޔަނުދިނުމަށް އެކަށައަޅާފައިވާ ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަށްވެސް ޓެކްނިކަލް އެޑްވައިސްގައި ވެއެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، އަލަށް ފެތުރެމުންދާ އޮމިކްރޮން ވޭރިއެންޓް އިތުރަށް ދެނެގަތުމަށް ދިރާސާތައް ހެދޭނެ ކަމަށާއި، އެ މައުލޫމާތުތައް ގައުމުތަކާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓުގެ 30 މިއުޓޭޝަންސް މިހާތަނަށް ފެނިފައިވާއިރު، މިވަގުތަށް ހޯދިފައިވާ މައުލޫމާތުތަކުން މި ވޭރިއެންޓްގެ ބައެއް މިއުޓޭޝަންސްތަކަކީ ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްކޮށްލާނެ މިއުޓޭޝަންސްތަކެއް ކަމަށް ބެލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައި ވެއެވެ.

އަދި ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ކޮވިޑް ވެކްސިނަށް އޮމިކްރޮން ވޭރިއެންޓް ގުޑަނީ މިހާ މިންވަރަކަށްކަން ދެނެގަތުމަށްވެސް އިތުރު ދިރާސާތަކާއި ތަހުލީލުތައް ހަދަންޖެހޭ ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނެފައި ވެއެވެ.

އޮމިކްރޮން ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ.

އެގައުމުން މި ވޭރިއެންޓް އެންމެ ފުރަތަމަ ދެނެގަތް ސައުތު އެފްރިކަން މެޑިކަލް އެސޯސިއޭޝަންގެ ޑރ. އެންޖެލިކް ކޯޓްޒީ ވިދާޅުވީ، ވެކްސިން ޖަހާފައިވާ މީހުންނަށް އޮމިކްރޮންގެ ސަބަބުން ބަލި ޖެހުނަސް ފެންނަ އަލާމާތްތައް ވަރަށް ލުއި ކަމަށެވެ.

އޮމިކްރޮން ވޭރިއެންޓް ޔޫރަޕްގެ އެތައް ގައުމަކާއި، އެފްރިކާއާއި އޭޝިޔާގެ ބައެއް ގައުމުތަކުންވެސް މިހާރު ފެނިފައި ވެއެވެ.

އަދި މި ވޭރިއެންޓް ފެތުރުނަ ނުދިނުމަށް ގައުމުތަކުން ގެންދަނީ ދަތުރުފަތުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.