ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ ސްކޫލްތެރޭގައި އާއި ސްކޫލުން ބޭރުގައިވެސް ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހިންގޭ ޕްރޮގްރާމެއް ކަމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ، އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ އިތުރުން ރެހެންދި ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފޮޓޯ: ރައީސް އޮފީސް

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ، ތައުލީމީ ސިޔާސަތު ބައްޓަން ކޮށްފައިވަނީ ދުޅަހެޔޮ ސިޔާސަތެއްގައި ތިބި ދިރިއުޅުމުގެ ހުނަރުތައް ލިބިފައިވާ އަމިއްލަ ނަފްސަށް އިތުބާރުކުރާ އަދި އެހެން މީހުންނަށް އިހުތިރާމްކުރާ ގާބިލު ދަރިވަރުންތަކެއް ބިނާކުރުމުގެ މައްޗަށްކަމުގައި ވީހިނދު، މިފަދަ ޕްރޮގްރާމެއްގެ ސަބަބުން ދަރިވަރުންނަށް އެ ދަރިވަރެއްގެ ލަނޑުދަނޑި ހާސިލު ކުރުމަށް މަގުފަހިވެގެން ދާނެކަމުގައެވެ.

މި ޕްރޮގްރާމަކީ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރެވޭ ވަރަށްވެސް މުހިންމު ކަމެއްކަމާއި މި ޕްރޮގްރާމްގެ ތެރެއިން، ދަރިވަރުން މަގުމަތީގައި އުޅުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމާ އަދި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ދަސްކޮށްދޭކަން ފާހަގަ ކުރެއްވިއެވެ.

މަގުމަތީގައި އުޅޭ އެހެން މީހުންނަށް އިހުތިރާމް ކުރަން ދަސްކޮށްދިނުމާއި ދަރިވަރުންގެ ކިބައިގައި އިސްނެގުމުގެ އާދަ އުފައްދައި އިސްވެ އިޖުތިމާއީ ކަންކަމުގައި އުޅުމުގެ ރޫހު ދިރުވައި، އެކަކު އަނެކަކަށް އެހީތެރިވެ ދިނުމުގެ އާދަ ދަސްކޮށްދޭ ކަމުގައި އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް

އަދި މަގުމައްޗަކީ އަޅުގަނޑުމެން އެންމެނަށް ރައްކާތެރި ތަނަކަށް ހެދޭނީ ކޮންމެ ފަރުދަކުވެސް ފަރުދީ ގޮތެއްގައި މަގުމަތީގެ ރައްކާތެރި ކަމަށް ސަމާލުކަން ބަހައްޓައިގެން އެއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ހަދައިގެންކަމާއި، ޅައުމުރުގައި މިއާދަ ކުދިންގެ ކިބައިގައި އަށަގެންނެވިއްޖެނަމަ އެކުދިން ބޮޑުވެގެން ޒިންމާދާރު ބަޔަކަށް ވާނެކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ މީގެ އަށް އަހަރު ކުރިން ފަށާފައިވާ ވަރަށް މުހިންމު ޕްރޮގްރާމެކެވެ. އެންމެ ފުރަތަމަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޣިޔާޘުއްދީން ސްކޫލްގައެވެ. އަދި އޭގެ ފަހުން މާލެއާއި އަތޮޅުތެރޭގައި މިފަދަ 45 ޕްރޮގްރާމު މިހާތަނަށް ކުރިއަށް ގެންގޮސްފައިވާކަމުގައި ފުލުހުން މައުލޫމާތުދެއެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.

ދަރިވަރުންގެ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓްރެފިކް ބެލެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން، ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމަށް މައުލޫމާތުދިނުމުގެ އިތުރުން ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތު ކުރުމުގެ ހުނަރުތައްވެސް ދަސްކޮށްދީފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ބުނީ މިފަހަރުގެ ޕްރޮގްރާމްގައި އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާ އަދި އަރަބިއްޔާ ސްކޫލްގެ އިތުރުން ރެހެންދި ސްކޫލް ހިމެނޭހެން 88 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.

އަދި 2014 އިން ފެށިގެން މި އަހަރުގެ މިހާތަނަށް، މާލެއިން 451 ދަރިވަރުންނާއި އަތޮޅު ތެރެއިން ޖުމްލަ 999 ދަރިވަރުން ހިމެނޭހެން ޖުމްލަ 1450 ދަރިވަރުން ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ.