ދަތުރުކުރުން މަނާކުރުމަކީ ބަލިފެތުރުން ހުއްޓުވޭ ކަމެއްކަން ސައިންސުން އެނގެން ނެތްކަމަށް ސައުތު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ވިދާޅުވެއްޖެއެވެ.

ސައުތު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ވަނީ، އޮމިކްރޯން ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އިނގިރޭސިވިލާތް ވެސް ހިމެނޭ ގޮތަށް، ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ދަތުރުފަތުރުކުރުން ހުއްޓުވުމަކީ ސައިންސްގެ އަލީގައި އެޅޭ ފިޔަވަޅެއް ނޫން، އޭގެ އަސަރެއް މި ވޭރިއެންޓް ފެތުރުމަށް ނުކުރާނެ
ސައުތު އެފްރިކާގެ ރައީސް

އޭނާ މިހެން ވިދާޅުވިއިރު، ފޭސް މާސްކާއި، އިޖުތިމާއީ ގައިދުރުކަން އަދި ވެކްސިން ޕްރޮގްރާމްތައް ހިންގާ މިންވަރަށް ރިއާޔަތްކޮށް، ދަތުރުފަތުރުކުރުން މަނާކުރުމަށް "ރިސްކް ބޭސްޑް" ވިސްނުމެއް ގެންގުޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިލްތިމާސްކުރެއެވެ. އެ ޖަމިއްޔާ އިން ބުނަނީ، ދަތުރުފަތުރުކުރުން ހުއްޓުވުމަކީ ގައުމުތަކަށް ބަލި ފޯރުވުން ހުއްޓުވޭނެ ކަމެއް ކަމަށެވެ.

އެކަމަކު މިއާއި ޚިލާފަށް ލަންޑަންގެ ކުއީން މޭރީ ޔުނިވާސިޓީގެ އެޕިޑެމިއޮލޮޖިސްޓެއް ކަމަށްވާ ޑރ ދީޕްތީ ގުރްދަސާނީ ވިދާޅުވަނީ، ދަތުރުފަތުރުކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބަލި ފެތުރުން މަޑުޖެހިދާނެ ކަމަށް ބެލެވުނު ނަމަވެސް، އޮމިކްރޮން ވޭރިއަންޓް މިހާރު ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް އޮތްކަން ސާފުވާ ކަމަށެވެ.

އަދި ދަތުރުފަތުރުކުރުން މަނާކުރުމުގެ ބަދަލުގައި، ރަނގަޅު ސްކްރީނިން އާއި އައިސޮލޭޝަން އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށާއި އޭގެ ސަބަބުން ފެތުރުން މަޑުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މި ވޭރިއަންޓް ފެތުރި ދާނެތީ ދިވެހިރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ މި ވޭރިއަންޓް ފުރަތަމަ ފެނުނު އެފްރިކާ ބައްރާއި ޔޫރަޕުން މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުން އަންނަ ދަތުރުވެރިންނާއި ފަތުރުވެރިންނަށް ބޯޑަރުތައް ބަންދުކޮށްފައެވެ.