ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ބެލަންޑޯ އެވޯޑުގެ 2021 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސްޕެއިން އާއި ބާސެލޯނާގެ ޒުވާން ތަރި ޕެޑްރީ ހޮވިއްޖެއެވެ.

މިއީ މިހާތަނަށް ބެލަންޑޯ އެވޯޑު ހޯދާފައިވާ ކުޅުންތެރިންގެ ވޯޓަކުން ހޮވާ އެވޯޑެކެވެ.

އުމުރުން 19 އަހަރުގެ ޕެޑްރީ މި އެވޯޑް ހާސިލްކުރީ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންގްހަމް އާއި މޭސަން ގްރީންވުޑްގެ އިތުރުން ޕޯޗުގަލްގެ ނޫނޯ މެންޑޭޒް އަދި ޖަރުމަނުގެ ޖަމާލް މުސިއާލާ އާއި ވާދަކޮށެވެ.

ޕެޑްރީ މި އެވޯޑް ހާސިލްކުރިއިރު އޭނާ ވަނީ ޓުޓޯ ސްޕޯޓުން ހޮވާ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށްދޭ "ގޯލްޑަން ބޯއި" އެވޯޑް ވެސް މިއަހަރު ހާސިލްކޮށްފައެވެ. މި އެވޯޑުވެސް ޕެޑްރީ ހޯދީ ޖޫޑް ބެލިންގްހަމް އާއި ވާދަކޮށްގެންނެވެ.

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ލަސް ޕާމާސް އިން ބާސެލޯނާއަށް ބަދަލުވި ޕެޑްރީ ދާދިފަހުން ވަނީ އެކުލަބާއެކު 1 ބިލިއަން ޔޫރޯގެ ރިލީޒް ކްލައުސް އެއް ހިމެނޭހެން އެއްބަސްވުން އައުކޮށްފައެވެ. ފާއިތުވީ ސީޒަނުގައި ޕެޑްރީ ވަނީ ބާސާއަށް 53 މެޗު ކުޅެދީފައެވެ.

އަދި ފާއިތުވީ ސީޒަނުގައި ޕެޑްރީ ވަނީ ބާސާގެ އެއްވެސް ކުޅުންތެރިއަކު ނުކުޅޭހާ ގިނަ މެޗުތައް ކުޅެ، ސްޕެއިން އާއިއެކު ޔޫރޯ 2020 ގައިވެސް މޮޅު ކުޅުމެއް ދައްކާ، އެގައުމާއެކު އޮލިމްޕިކްސްގެ ރިހި މެޑަލްވެސް ހޯދާފައެވެ. އަދި ޔޫރޯ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޕެޑްރީ އެވެ.

ދުނިޔޭގައި އެންމެ ދިގު ތާރީހެއް އޮތް އަދި އެންމެ ދުވަސްވީ ބެލަންޑޯ އެވޯޑަކީ ފްރާންސްގެ ފުޓުބޯޅަ މަޖައްލާ، ފްރާންސް ފުޓްބޯލް އިންދޭ އެވޯޑެކެވެ.