ފްރާންސްގެ ފުޓުބޯޅަ މަޖައްލާއިންދޭ ބެލަންޑޯ އެވޯޑުގެ 2021 ވަނަ އަހަރުގެ އެންމެ މޮޅު ސްޓްރައިކަރަކަށް، ބަޔާން މިއުނިކާއި ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޮސްކީ ހޮވިއްޖެއެވެ.

އުމުރުން 33 އަހަރުގެ ފޯވާޑަށް މި އެވޯޑް ލިބުނީ ހޯމަ ދުވަހުގެރޭ ފްރާންސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މިއީ މުޅިން އަލަށް ދޭންފެށި އެވޯޑެއްވެސް މެއެވެ.

މި އެވޯޑް ލެވަންޑޮސްކީ ހާސިލްކޮށްފައިވާއިރު އޭނާ ވަނީ 2020 ވަނަ އަހަރު ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ "ފީފާ ދަ ބެސްޓް މެންސް ޕްލެޔަރ އޮފް ދަ ޔާ"ގެ އެވޯޑުވެސް ހާސިލްކޮށްފައެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ބެލަންޑޯ އެވޯޑް ދީފައި ނުވާއިރު، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ އަހަރުގެ ބެލަންޑޯ އެވޯޑް ހައްގު ކުޅުންތެރިޔަކީވެސް ލެވަންޑޮސްކީ އެވެ.

ގައުމީ ޓީމާއި ކުލަބު ފެންވަރުގައިވެސް ތަފާތު މޮޅުކުޅުމެއް ދައްކަމުން އަންނަ ލެވަންޑޮސްކީ ވަނީ މި ސީޒަނުގެ މިހާތަނަށް ބަޔާން އަށް ކުޅެދިން 20 މެޗުން 25 ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި މިހާތަނަށް ބަޔާން އަށް އޭނާ ކުޅެދިން 354 މެޗުން ލެވަންޑޮސްކީ ވަނީ 319 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ފާއިތުވީ ސީޒަނުގައި އެކަނިވެސް ލެވަންޑޮސްކީ ވަނީ ބަޔާން އަށް ކުޅެދިން 40 މެޗުން 48 ލަނޑު ކާމިޔާބު ކޮށްފައެވެ. 2020/2021 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ލެވަންޑޮސްކީ ވަނީ ބަޔާން އާއިއެކު ޔޫރަޕުގެ ގޯލްޑަން ބޫޓު އެވޯޑްވެސް ކާމިޔާބު ކޮށްފައެވެ.