2021 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑުގެ އެންމެ މޮޅު ކީޕަރަކަށް އިޓަލީއަށް ޔޫރޯ 2020 ކާމިޔާބު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ޒުވާން ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ އަށް ލިބިއްޖެއެވެ.

އުމުރުން 22 އަހަރުގެ ޑޮންނަރުއްމާ މި އެވޯޑް ހާސިލްކުރީ މެންޗަސްޓަރ ސިޓީގެ އެޑާސަން އާއި ޗެލްސީގެ އެޑުއާޑް މެންޑީގެ އިތުރުން ބަޔާން މިއުނިކުގެ މެނުއެލް ނޯއާ އަދި އެތްލެޓިކޯ މެޑްރިޑުގެ ޖާން އޮބްލަކްގެ މައްޗަށް ކުރިހޯދައިގެންނެވެ.

އެންމެ މޮޅު ކީޕަރަށްދޭ ޔަޝިން އެވޯޑް ޑޮންނަރުއްމާ ހާސިލްކުރިއިރު އޭނާ މިވަގުތު ކުޅެމުންދަނީ ފްރާންސް ފުޓުބޯޅައިގެ ގަދަބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށެވެ. އެހެންނަމަވެސް އަދިވެސް އެކުލަބުގެ އެއް ނަމްބަރު ކީޕަރެއްގެ ގޮތުގައި މެޗުތަކުން ފެނިގެންދަނީ ކޮސްޓަރިކާގެ ކޭލާ ނަވާސް އެވެ.

މި ޝަރަފުވެރި އެވޯޑް ޑޮންނަރުއްމާ ހާސިލްކުރިއިރު އޭނާ އަކީ ނިމިދިޔަ ޔޫރޯ 2020 ގައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދި ކުޅުންތެރިޔާއެވެ. އަދި މުބާރާތުގެ ޓީމް އޮފް ދަ ޓޯނަމަންޓުގައިވެސް އޭނާ ހިމެނުނުއިރު، އައިއެފްއެފްއެޗްއެސް އިން ހޮވި އަހަރުގެ އެންމެމޮޅު ކީޕަރުގެ މަގާމާއި، 2020/2021 ވަނަ އަހަރުގެ އިޓާލިއަން ލީގުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޑޮންނަރުއްމާ އެވެ.