ދުނިޔޭގެ ފުޓުބޯޅައިގައި ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ ބެލަންޑޯ އެވޯޑް، ޕީއެސްޖީގެ ތަރި އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހާސިލްކޮށްފިއެވެ.

2021 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑް މެސީ ހާސިލްކުރީ މިއަހަރުގެ އެންމެމޮޅު ފޯވަޑުގެ މަގާމު ހޯދި ބަޔާން މިއުނިކާއި، ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޮސްކީ އާއި ވާދަކޮށްގެންނެވެ.

7 ވަނަ ފަހަރަށް މިއެވޯޑް މެސީ ހާސިލްކުރިއިރު އޭނާ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް މިއެވޯޑް އެންމެ ގިނަ ފަހަރަށް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އެންމެފުރަތަމަ މެސީ ބެލަންޑޯ އެވޯޑް ހާސިލްކުރީ 2009 ވަނަ އަހަރުއެވެ. އަދި އެއަށްފަހު 2010،2011،2012 އަދި 2015 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް މިއެވޯޑް ހާސިލްކުރީވެސް މެސީ އެވެ.

އެއްއަހަރުގެ މެދުކެނޑުމަކަށްފަހު މެސީ މިއެވޯޑް ހާސިލްކުރިއިރު، ޓްރޮފީ އާއި ހަވާލުވުމަށްފަހު މެސީ ބުނީ، 2020 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑަކީ ލެވަންޑޮސްކީ އަށް ހައްގު އެވޯޑެއް ކަމަށާއި، އެއީ އޭނާއަށް ލިވެންޖެހޭ އެވޯޑެއް ކަމަށެވެ.

ފާއިތުވީ 2020/2021 ވަނަ އަހަރު މެސީ ވަނީ ބާސާއަށް ސްޕެނިޝް ލީގުގެ 3 ވަނަ ހޯދައިދިނުމުގައި އިސްދައުރެއް އަދާކޮށްފައެވެ. މިއީ ބާސާ ނޫން ކުލަބަކަށް ކުޅެމުން މެސީ ބެލަންޑޯ އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. 20 އަހަރަށްފަހު މެސީ ބާސާ ދޫކޮށްލީ ލަލީގާގެ ގަވައިދުގެ ތެރެއިން ކުލަބުގައި މަޑުކުރެވޭނެ އެއްވެސް ގޮތެއް ނުފެނުމުންނެވެ.

ބާސާ ދޫކޮށް ޕީއެސްޖީ މިއަހަރު ޕީއެސްޖީ އަށް ބަދަލުވިއިރު އަދި އޭނާގެ އެންމެ ފުރިހަމަ ކުޅުން ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް މެސީ ވަނީ މިއަހަރު ބޭއްވުނު ކޮޕާ އެމެރިކާ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ އާޖެންޓީނާ އާއިއެކު މަތީ ފަންތީގެ ޓްރޮފީއެއް މެސީ ހޯދި ފުރަތަމަ ފަހަރެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށްފަހު މެސީ ބެލަންޑޯ އެވޯޑް ހާސިލްކުރިއިރު އޭނާ އާއިއެކު މި އެވޯޑުގެ ގަދަ ފަހެއްގައި ހިމެނިފައިވަނީ ދެވަނައިގައި ލެވަންޑޮސްކީ، ތިންވަނައިގައި ޖޯޖީނިއޯ، ހަތަރުވަނައިގައި ކަރިމް ބެންޒެމާ އަދި ފަސްވަނައިގައި އެންގޯލޯ ކާންޓޭއެވެ.

މެސީ އާއި އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ މިފަހަރު ގަދަ 5 ގައިވެސް ހިމެނިފައިނުވާއިރު އޭނާއަށް ނޮމިނޭޝަންގައި ލިބިފައިވަނީ 6 ވަނައެވެ. އަދި ނޮމިނޭޝަންގެ ހަތްވަނަ ލިވަޕޫލްގެ ސަލާހް އަށް ލިބުނުއިރު 8 ވަނަ ލިބުނީ މެންޗަސްޓަރ ސިޓީގެ ކެވިން ޑިބްރޫނޭ އަށެވެ.