ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ޑިވިޝަންތަކުގެ ޗެމްޕިއަންކަން، ހޫދު އަޙްމަދު އާއި އާޔާ ނަސީމް، އަޙްމަދު އަމީރުގެ އިތުރުން، އިބްރާހީމް އަރީފް (އިބޫ)، މުޙައްމަދު މުއާޒް، އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ހޯދައިފިއެވެ.
ސީސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ ނަމުގައި، ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރިކޯޑު އަދަދަކަށް ރާޅާއެޅުންތެރިން ބައިވެރިވިއިރު، އައު ކަންތައްތަކަކާއެކު މި މުބާރާތް ވަނީ ތާރީޚުން ޖާގަ ހޯދާފައެވެ. އެގޮތުން ކޮވިޑް-19 ގެ މެދުކެނޑުމަށްފަހު ގައުމީ ރާޅާއެޅުމުގެ މުބާރާތް ބޭއްވިއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މުޅިން އައު ޑިވިޝަންތަކަކާއެކު، ޖުމްލަ ހަތް ޑިވިޝަނަކަށް ބަހާލައިގެންނެވެ.
14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން، 25 ރަށަކަށް ނިސްބަތްވާ 102 ރާޅާއެޅުންތެރިން ބައިވެރިވި މި މުބާރާތް މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވިއިރު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފެވެ. އަދި އަރިހުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އަބަދުވެސް މި މުބާރާތުގައި އެންމެ ފޯރިގަދަ އިވެންޓު ކަމުގައިވާ ފިރިހެނުންގެ ޝޯޓްބޯޑް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ، އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ދެވަނައަށް ދިޔަ ގދ. ގައްދޫއަށް ނިސްބަތްވާ ހޫދު އަޙްމަދު އެވެ. ޝޯޓްބޯޑް އިވެންޓުގައި 48 ރާޅާއެޅުންތެރިން ވާދަކުރިއިރު، މި ކެޓަގަރީން ދެވަނަ ހޯދީ އަޙްމަދު އާގިލެވެ. އަދި ތިންވަނައަށް ދިޔައީ ނަޖާހު މުޙައްމަދެވެ.
ތަފާތު ކަންތައްތަކެއް މި މުބާރާތުގައި ފެނިގެންދިޔައިރު ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ތައާރަފުކުރި އަންހެން އޯޕަން ކެޓަގަރީގެ އެއްވަނަ ހޯދީ އާޔާ ނަސީމެވެ. މި ބައިގައި ޖުމްލަ ފަސް ރާޅާއެޅުންތެރިން ވާދަކުރިއިރު، ދެވަނައަށް ދިޔައީ ޝާޒިޔާ ސައީދު (ޝާޒު) އެވެ. އަދި ތިންވަނަ ހާސިލުކުރީ ނާހާ ނަސްރުﷲ އެވެ. އާޔާ މި ބައިގެ ޗެމްޕިއަންކަން ހޯދީ 8.17 ޕޮއިންޓާއެކުއެވެ. ދެވަނަ ހޯދި ޝާޒަށް ލިބުނީ 5.70 ޕޮއިންޓެވެ. ޝާޒު އާއި އާޔާ އަކީ، "ސާފްގާލްސްއެމްވީ" ގެ ނަމުގައި ރާޅާއެޅުމުގައި އަންހެނުން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ދެ އެތުލީޓުންނެވެ.
މީގެއިތުރުން ފިރިހެނުންގެ ޖޫނިއާ ޝޯޓްބޯޑް ބައިން އެއްވަނަ ހޯދާފައިވަނީ ދ. ކުޑަހުވަދޫ ޓީމުގެ އަޙްމަދު އަމީރެވެ. 26 ރާޅާއެޅުންތެރިން ވާދަކުރި ޖޫނިއާ ބައިން ދެވަނަ އަޔާން ނޫރައްދީން ހޯދިއިރު، ތިންވަނައަށް ދިޔައީ ކަޔާން އަބްދުﷲ އަރީފެވެ. މި މުބާރާތުގައި މުޅިން އަލަށް ބޭއްވި މާސްޓާސް ޑިވިޝަން ކާމިޔާބުކުރީ އިބްރާހީމް އަރީފް (އިބޫ) އެވެ. މި ބައިން ދެވަނަ ހަސަން އަރީފް (ކައިރޭ) ހޯދިއިރު، ތިންވަނަ ހާސިލުކޮށްފައިވަނީ އަބްދުލް ގަފޫރު އަލީ (ގައްބެ) އެވެ.
އަދި ރާއްޖޭގެ ފުރަތަމަ ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ގެ ގައުމީ ޗެމްޕިއަނަކީ މުޙައްމަދު މުއާޒެވެ. މި ބައިން ދެވަނަ މުޙައްމަދު ތޮއްލަމް ހޯދިއިރު، ތިންވަނަ ހާސިލުކުރީ އަބްދުﷲ އަރީފް (ފުކޫ) އެވެ. ދެން މި މުބާރާތުގައި މުޅިން އަލަށް ބޭއްވި ލޯންގްބޯޑް ޑިވިޝަން ކާމިޔާބުކުރީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. މި ބައިން ދެވަނަ ފުކޫ ހޯދިއިރު، ތިންވަނަ ހާސިލުކުރީ އަބްދުﷲ ލަތީފް (ޝެޑޯ) އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އެއް ސާފަރަށް ވުރެ ގިނައިން އެއް ރަށަކަށް ނިސްބަތްވާ ސާފަރުން ވާދަކުރާނަމަ ރާޅާއެޅުންތެރިން ގުނާނީ ޓީމެއްގެ ގޮތުގައެވެ. އެއާއެކު މި މުބާރާތުގެ އެއްވަނަ ޓީމަކަށް މާލޭ ޓީމު ހޮވުނުއިރު، ދެވަނައަށް ދިޔައީ ގދ. ގައްދޫ ޓީމެވެ. އަދި ތިންވަނަ ހާސިލުކުރީ ރ. ރަސްމާދޫ ޓީމެވެ.
އެއްއަހަރުގެ މެދުކެނޑުމަކަށްފަހު ގައުމީ ރާޅާ އެޅުމުގެ މުބާރާތް ބާއްވާ، ކާމިޔާބުކަމާއެކު މި މުބާރާތް ނިންމާލިއިރު އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ ޑިޖިޓަލް ސްކޯރިން ސިސްޓަމަކުން، އިންޓަނޭޝަނަލް ސާފިން އެސޯސިއޭޝަން (އައިއެސްއޭ) ސެޓިފައިޑް އަދި ރާއްޖެއަށް ނިސްބަތްވާ ޖަޖުންގެ ޕެނަލަކުން މި ފަހަރުގެ މުބާރާތް އިންސާފުކުރުމެވެ. މިއީ ގައުމީ މުބާރާތުގައި މި ގޮތަށް ޑިޖިޓަލްކޮށް ޒަމާނީ ފެންވަރުގައި މާކްސް ގުނި ފުރަތަމަ ފަހަރެވެ.
އަދި ޗެމްޕިއަންކަން ހޯދި ރާޅާއެޅުންތެރިންނަށް 15،000ރ. ގެ ފައިސާގެ އިނާމު ދީފައިވާއިރު، ދެވަނައަ ށް 10،000ރ. އަދި ތިންވަނަ އަށް 7،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފަ އެވެ. ވޯލްޑް ސާފް ލީގުން 2019 ވަނަ އަހަަރު އަންހެން އަދި ފިރިހެން އެތުލީޓުންނަށް ފައިސާގެ އިނާމު ހަމަހަމަ އުސޫލުން ލިބޭނެހެން ގަވާއިދު ބަދަލުކުރުމާ އެކު، އެމްއެސްއޭ އިން ވެސް ވަނީ މި މުބާރާތުގައި މި އުސޫލަށް އަމަލު ކުރަން ފަށައިފަ އެވެ.