ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ނ. ކެނދިކުޅުދޫގައި ކުރިއަށްގެންދާ ކޭމްޕުގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން އެ އަތޮޅު މާޅެންދޫ އަތުން ފަސޭހަކަމާއެކު އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

ހޯމަ ދުވަހު ހަވީރު ކެނދިގުޅުދޫ ޓާފް ދަނޑުގައި ކުޅުނު މިމެޗުން މާޒިޔާ މޮޅުވީ 0-11 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ.

ފޮޓޯ:- މާޒިޔާ

ދެވަނަ މެޗުގައިވެސް ބޮޑު ތަފާތަކުން މާޒިޔާ މޮޅުވިއިރު ފުރަތަމަ މެޗުގައި މާޒިޔާއިން ވަނީ ކެނދިކުޅުދޫ އަތުން 0-9 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި މި ކޭމްޕް ނިންމާލުމުގެ ކުރިން އަންނަ ބުދަ ދުވަހު ނ. މާފަރާ ދެކޮޅަށް މެޗެއް ކުޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މެޗުގައި މާޒިޔާއިން މޮޅު ކުޅުމެއް ދެއްކިއިރު، މާޒިޔާގެ ލަނޑުތައް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި، ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަދި އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. އަދި މި މެޗުގައި މާޅެންދޫގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާއިން ކެނދިކުޅުދޫގައި ފަށާފައިވާ މި ކޭމްޕު 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނެކަމަށް މާޒިޔާއިން މައުލޫމާތުދެއެވެ.

މި ކޭމްޕުގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން، މާޒިޔާއިން ވަނީ މޮޅެތި ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އެގޮތުން ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު، ކިރަން ކުމާރް ލިމްބޫ އާއި، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ)ގެ އިތުރުން ޒުވާން ތަރި ހައިޝަމް ހަސަން (ބިޑި)ގެ ސޮއި މާޒިޔާ އިން ވަނީ ހޯދާފައެވެ.

މާޒިޔާއިން އާ ސީޒަނަށް ތައްޔާރުވާން ފެށިއިރު އެ ކުލަބުގެ އާ ކޯޗަކަށް ތަޖުރިބާކާރު ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ހަމަޖައްސާފައެވެ.

އެފްއޭއެމުން އިއުލާނުކޮށްފައިވާ ގޮތުން އައު ސީޒަން ފަށާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގު ޗެމްޕިއަންކަމުގެ ހައިސިއްޔަތުން މާޒިޔާ އާއި ރަނަރަޕްކަން ހޯދި ޓީމުގެ ހައިސިއްޔަތުން ކުލަބް ކުލަބް ވެލެންސިއާ އެވެ.